ގޮވާމުގެ އެއްބަސްވުމަށް އަމަލުކުރުން ފަސްކޮށްފި
ގޮވާމުގެ އެއްބަސްވުމަށް އަމަލުކުރުން ފަސްކޮށްފި

ޔޫކްރޭންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް، ޖުލައި 22، 2022 ގައި، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ތުރުކީ ވިލާތާއި އދ.ގެ ބައިވެރިވުމާއެކު ޔޫކްރޭނާއި ރަޝިޔާއާ ދެމެދު ގާއިމުކުރި އެއްބަސްވުމަށް އަމަލުކުރުން ރަޝިޔާ އިން މެދުކަނޑައިލީ، ކަޅު ކަނޑުގެ އައްސޭރީގައި އޮތް ރަޝިޔާގެ މަނަވަރުތަކަކަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ޔޫކްރޭނުން ދިން ހަމަލާތަކަކާ ގުޅިގެންނެވެ. ޑްރޯން ބޭނުންކޮށްގެން އެ ހަމަލާތައް ދިންއިރު އެ މަނަވަރުތައް އޮތީ، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފައި އެ ގައުމުގެ ބައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި އޮތް ކްރީމިއާގެ ބަނދަރުގަ އެވެ.

ރަޝިޔާގެ ރައީސް ޕުޓިން އިއްޔެ ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ ދަށުން، ގޮވާން އުފުލާ އާގުބޯޓުތައް ދަތުރުކުރުމަށް ކަނޑައެޅި ސަރަހައްދު، ޔޫކްރޭނުން މިހާރު ބޭނުންކުރަމުން ދަނީ، ރަޝިޔާގެ ކަނޑުގެ ލަޝްކަރަށް ހަމަލާ ދިނުމަށެވެ. ނަމަވެސް އދ. އިން ބުނި ގޮތުގައި ކްރީމިއާގައި އޮތް ރަޝިޔާގެ މަނަވަރުތަކަށް ހަމަލާ ދިން ރޭ، އާގުބޯޓުތައް ދަތުރުކުރަން ކަނޑައެޅި މަގުގައި އެއްވެސް ބޯޓެއް ނުވަތަ މަނަވަރެއް ވެސް ނެތެވެ.

ރަޝިޔާގެ މި ނިންމުމާ ގުޅިގެން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާ އިން އެއްބަސްވުމަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި ހައިހޫނުކަން ބޭނުންކޮށްގެން، ރަޝިޔާ އިން ދުނިޔެ ރަހީނުކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެއްބަސްވުމަށް އަމަލުކުރުން ރަޝިޔާ އިން މެދުކަނޑައިލިޔަސް، 354500 ޓަނުގެ ގޮވާން ހިފައިގެން 12 އާގުބޯޓު އިއްޔެ ޔޫކްރޭންގެ ބަނދަރުން ފުރި އެވެ. މިއީ ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު އެއްބަސްވުން ގާއިމުކުރި ފަހުން އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ގޮވާން ޔޫކްރޭނުން ބޭރުކުރި ފުރަތަމަ ފަހަރެވެ.

އިއްޔެ ޔޫކްރޭންގެ ކަޅު ކަނޑުގެ ބަނދަރުން ފުރި ބޯޓުތަކުގެ ތެރެއިން އެއް ބޯޓަކީ، އެންމެ ބޮޑަށް ކާޑަށް ޖެހިފައިވާ އިތިއޮޕިޔާ އަށް 40000 ޓަނުގެ ގޮވާން ހިފައިގެން ދަތުރުކުރާ ބޯޓެކެވެ.

ޔޫކްރޭނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓްކުރާ އެއް ގައުމެވެ. މުޅި ދުނިޔޭގެ އެކްސްޕޯޓަށް ބަލާއިރު، ސަންފްލާވާ ތެލުގެ 42 ޕަސެންޓް، ޒުވާރީގެ 16 ޕަސެންޓް، ބާރްލީގެ 10 ޕަސެންޓާއި ގޮދަނުގެ ނުވަ ޕަސެންޓް ހިއްސާކުރަނީ ޔޫކްރޭނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ފަހު، އެންމެ ފުރަތަމަ ވެސް ހިފީ އެ ގައުމުގެ ކަނޑުގެ ބަނދަރުތަކެވެ. އޭރު ދުނިޔޭގެ އެކި ގައުމުތަކަށް އެކްސްޕޯޓް ކުރަން ތައްޔާރުކޮށްފައި ހުރި 20 މިލިއަން ޓަނުގެ ގޮވާމުގެ ބާވަތްތައް އެ ބަނދަރުތަކުގައި ހުއްޓެވެ.

އެ ތަކެތި ދުނިޔޭގެ ބާޒާރަށް ނުނެރެވި ތާށިވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށް، ޔޫކްރޭނުން ގޮވާން އެކްސްޕޯޓްކުރެވޭނެ މަގު ތަނަވަސްވީ، ތުރުކީ ވިލާތާއި އދ. މަޖިލިސް މެދުވެރިގެން ޔޫކްރޭނާއި ރަޝިޔާއާ ދެމެދު، މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމަކުންނެވެ.

ހަތަރު މަސްދުވަހުގެ މުއްދަތަށް ގާއިމުކުރި އެ އެއްބަސްވުމުގެ މުއްދަތު މިއަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހަމަވާނެ އެވެ. އެއަށް ފަހު، ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރެވޭނީ، އެ އެއްބަސްވުމުގެ މުއްދަތު އާކުރުމަށް ފަހު އެވެ. މިހާރު އޮތް އެއްބަސްވުމުގެ ދަށުން، މިހާތަނަށް ނުވަ މިލިއަން ޓަނުގެ ގޮވާމުގެ ބާވަތްތައް ޔޫކްރޭނުން އެކްސްޕޯޓް ކޮށްފި އެވެ.

ޔޫކްރޭނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ރަޝިޔާއާ އެކުގައި އެއްބަސްވުމެއް ގާއިމުކުރަން ޖެހުނީ، ޔޫކްރޭންގެ ކަނޑުގެ ބަނދަރުތަކުން އާގުބޯޓުތަކަށް ދަތުރު ކުރެވޭނީ ކަޅު ކަނޑުގެ ތެރެއިން ކަމަށްވެފައި، އެ ކަނޑުގެ ސަރަހައްދު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި ކަމަށްވާތީ އެވެ.