އާ ރެކޯޑެއް: އެންމެ ކާމިޔާބު އޮކްޓޫބަރު އައީ މިއަހަރު!
އާ ރެކޯޑެއް: އެންމެ ކާމިޔާބު އޮކްޓޫބަރު އައީ މިއަހަރު!

އޮކްޓޯބަރު މަހެއްގައި ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި މަހަކަށް މިދިޔަ މަސް ވެ، ރާއްޖޭގެ ޓޫރިޒަމްގައި އާ ރެކޯޑެއް ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރާ މި އަހަރުގެ އޮކްޓޯބަރު މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އޮކްޓޯބަރު ކަމަށެވެ.

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 153،600 އަށް ވުރެ އިތުރެވެ. އެއީ 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު އަށް ޕަސެންޓުގެ ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ އަހަަރުގެ އޮކްޓޯބަރު މަހު 142،066 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 141،928 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައި ވާގޮތުން، މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، މި އަހަރުތެރޭ 1.3 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއާއެކު މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވެސް ވަނީ ހަމަވެފަ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު ރާއްޖެ އަށް 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރު ނިމުމުގެ ކުރިން އެ އަދަދަށް ވާސިލްވާނެ ކަމަށް މިނިސްޓްރީން ލަަފާކުރެ އެވެ.