ވޯލްޑް ކަޕުން އީރާން ބޭރުކުރަން ޔޫކްރޭނުން މަސައްކަތްކުރަނީ
ވޯލްޑް ކަޕުން އީރާން ބޭރުކުރަން ޔޫކްރޭނުން މަސައްކަތްކުރަނީ

މި މަހު ގަތަރުގައި ފަށާ ވޯލްޑް ކަޕުން އީރާން ބޭރުކުރަން ޔޫކްރޭނުން ކެމްޕެއިނެއް ފަށައިފި އެވެ.

ޔޫކްރޭން ފުޓްބޯޅަ އެސޯސިއޭޝަނުން އަންނަނީ ފީފާގައި އެކަމަށް ރަސްމީކޮށް އެދެން ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން އީރާން ބޭރުކުރަން ޔޫކްރޭނުން ދައްކަނީ ދެ ސަބަކެވެ. ފުރަތަމަ ސަބަބަކީ ބުރުގާ މަޖުބޫރުކުރަން އުޅުމާ ދެކޮޅަށް އެ ގައުމުގައި ކުރާ މުޒާހަރާ އަނިޔާވެރިކަމާ އެކު ހުއްޓުވުމެވެ. އަނެއް ސަބަބަކީ، ޔޫކްރޭނަށް ރަޝިއާ އިން ދެމުންދާ ހަމަލާތަކަށް އީރާނުން އެހީތެރިވުމެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބުރުގާ އަޅާފައި ހުރި ގޮތުގައި ހައްޔަރުކޮށްފައި ހުރި އަންހެނަކު މަރުވުމާ ގުޅިގެން ފެށި މުޒާހަރާތައް ހުއްޓުވުމުގެ ތެރޭގައި 45 ކުޑަކުދިން ހިމެނޭހެން 284 މީހުން ވަނީ މަރުވެފަ އެވެ.

ޔޫކްރޭނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިތުރުން އީރާނަށް ނިސްބަތްވާ ކުޅިވަރު ބައެއްގެ މީހުން ވެސް ވަނީ އެ ގައުމު ސަސްޕެންޑްކުރަން ގޮވާލައިފަ އެވެ.

ފީފާ އިން ވަނީ ރަޝިއާ އިން ޔޫކްރޭނުގައި ހަނގުރާމަ ފެށުމުން އެ ގައުމު ވެސް ވޯލްޑް ކަޕުން ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު އެފަދަ ފިޔަވަޅެއް އީރާނާ މެދު އަޅާފާނެ ކަމަކަށް ނުބެލެވެ އެވެ.

ވޯލްޑް ކަޕުގައި އީރާން ހިމެނެނީ އިންގްލެންޑާއި އެމެރިކާ އާއި ވޭލްސްއާ އެކު ގްރޫޕް ބީ ގަ އެވެ. ފުރަތަމަ މެޗުގައި މި މަހުގެ 21 ގައި ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.