އިތުރު 5.8 ބިލިއަން ރުފިޔާ ހޯދަން އެދުނީ ގާނޫނާ ހިލާފަކަށް ނޫން: ފިނޭންސް މިނިސްޓްރީ
އިތުރު 5.8 ބިލިއަން ރުފިޔާ ހޯދަން އެދުނީ ގާނޫނާ ހިލާފަކަށް ނޫން: ފިނޭންސް މިނިސްޓްރީ

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާ ހިމަނާފައި ވަނީ ގާނޫނުއަސާސީ އާ ހިލާފަކަށް ނޫން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އާއެކު ތެލާއި ތަކެތީގެ އަދަދު އިންތިހާ އަށް މައްޗަށް ދިއުމުގެ ސަބަބުން ބަޖެޓަށް ބާރު ބޮޑުވެފައިވާ ކަމަށާއި އެހެންވެ މި އަހަރުގެ ބަޖެޓަށް އިތުރަށް ހަރަދުވާ 5.8 ބިލިއަން ރުފިޔާ ފާސް ކޮށްދިނުމަށް 2023 ގެ ބަޖެޓާ އެކު ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ ގާނޫނުގެ ތެރެއިން ކުރި ކަމެއްތޯ ސުވާލު އުފައްދަވައިފަ އެވެ.

ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ނ. ގައި ބުނާ ގޮތުން މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީޙުން ފާސްކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބަޖެޓުން ހަރަދު ކޮށްގެން ނުވާނެ އެވެ. އަދި ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާއެއް މަޖިލީހުން ފާސް ކުރުމަށް އެ ފައިސާ ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭ ކަމަށް މާލިއްޔަތު ގާނޫނުގައި ބުނާ މާއްދާ ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ ގާނޫނުގައި އޮންނަނީ އިތުރަށް ހަރަދު ކުރުމުގެ އެއް މަސް ކުރިން ފާސް ކުރަން ޖެހޭނެ ކަމަށާއި މި އަހަރަށް މަޖިލީހުން ފާސް ކުރި 34.9 ބިލިއަން އެ ބަޖެޓުން އަދި ހަރަދުވީ 31.9 ބިލިއަން ރުފިޔާ ކަމަށެވެ.

އެހެން ނަމަވެސް ފިއުލް ސަބްސިޑީ އިތުރުވުމާއި މަޝްރޫއުތަކަށް ހަރަދު ކުރަން ޖެހޭ ފައިސާގެ އަދަދު ގިނަ ވުމާ ގުޅިގެން ބަޖެޓުގެ އަދަދު 42 ބިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ ޑިސެމްބަރު މަހު އިތުރަށް ފައިސާ ބޭނުންވާނެ އަދި އަހަރު ނިމިގެން ހުންނާނެ ބިލްތައް ޕޯސްޓު ކުރަން އެ ދައްކައި ބަޖެޓް ނިންމަން ވެސް އިތުރަށް ފައިސާ ބޭނުންވާނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ވެސް ސަނީ ސައިޑް ބޮންޑު ދައްކަން ޖެހުމާ ގުޅިގެން ބަޖެޓަށް 2.2 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހުނު ކަމަށާއި އޭރު ވެސް މަޖިލީހުގެ ލަފާގެ މަތިން 2022 ގެ ބަޖެޓާއެކީ 2021 ގެ ބަޖެޓް ރިވައިސް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ބަޖެޓަށް އިތުރަށް ބޭނުންވާ 5.8 ބިލިއަން ރުފިޔާ އަކީ އާ ހަރަދެއް ކުރާ ފައިސާއެއް ނޫން ކަމަށާއި އެއީ ފިއުލް ސަބްސިޑީ އަށް ހަރަދު ވާނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައި އޮތް ހަރަދު އިތުރުވުމުން ކުރަން ޖެހޭ ހަރަދެއް ކަމަށެވެ.

އޭގެ އިތުރުން ބްރިޖު މަޝްރޫއާއި އެހެން ޕީއެސްއައިޕީތައް ވެސް އަންދާޒާ ކުރި މިންވަރަށް ވުރެ އަވަހަށް ހިނގާތީ އެކަމަށް ވެސް އިތުރަށް ހަރަދު ކުރަން މި އަހަރު ޖެހޭ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

"2019 ގައި ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން މަސައްކަތް ކުރިން. އެ ފަހަރު މަޖިލީހުން ލަފާ ދެއްވީ ބަޖެޓަށް އިތުރު ކުރާ ފައިސާގެ ގޮތުގައި ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ފިއުލް ސަބްސިޑީ އަށް ބަޖެޓް ކުރި 342 މިލިއަން ރުފިޔާ މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ހުއްޓިފައި ހުރި މަޝްރޫއުތައް ބާރަށް ހިނގައިގަނެ، ހަރަދު އިތުރު ވާ ކަމަށް މިނިސްޓަރު ވެސް ވިދާޅުވި އެވެ.

ނަމަވެސް ބަޖެޓުގެ ހަރަދު އިތުރުވުމުގެ އިތުރުން ލިބޭ އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. ޓޫރިޒަމް އާއި ވިޔަފާރިތައް ރަނގަޅުވެފައިވާތީ މި އަހަރު 26.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.