31 އޮކްޓޯބަރ 2022 - 22:50

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި އޮތަސް ޕޭ ފްރޭމްވޯކް އޮތް ގޮތުން، ބައެއް މީހުން ހަ މަސް ދުވަހުގެ ތެރޭގައި ރިޓަޔާކުރާއިރު ބޮޑުވި މުސާރައިގެ ބަދަލުގައި ކުރީގެ ކުޑަ މުސާރައަށް ބަލައިގެން ޕެންޝަން ހަދާތީ އޮތް ކަންބޮޑުވުމަށް ހައްލެއް ހޯދައިދީފި އެވެ.
މި ކަންބޮޑުވުންތަކާ އެކު 500 އަށްވުރެ ގިނަ ޓީޗަރުންގެ ސޮޔާ އެކު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
މި ޕެޓިޝަނުގައި ބުނެފައިވަނީ އޮނިގަނޑުގައި 55 އަހަރުން މަތީގެ އުމުރުގެ މީހުން ހިމަނައި މަހު އިނާޔަތް ލިބޭ ގޮތަށް ރިޓަޔާވުމަށް ހަ މަސް ދުވަހުގެ ފުރުސަތު ފަހިކޮށްދީފައިވާއިރު ރިޓަޔާކުރަން ޖެހެނީ މިހާރު ލިބެމުންދާ މުސާރައިގެ ބަދަލުގައި ކުރިން ހުރި މަގާމުގައި ލިބުނު މުސާރައިން ކަމަށެެވެ. އެހެންވެ، ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވި ނަމަވެސް ޕެންޝަން ފައިސާ އާއި އެހެނިހެން ކަންކަން ވައުދާ އެއްގޮތަށް ހިނގަމުން ނުދާ ކަމަށް ޕެޓިޝަންގައިވެ އެވެ.
މި ކަންބޮޑުވުންތައް އޮއްވައި ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ގެޒެޓްކުރި ދައުލަތުގެ ފްރޭމްވޯކް މިންގަނޑުތަކުގެ ފުރަތަމަ އިސްލާހުގައި "އިސްތިސްނާ" ގެ ދަށުން ބުނެފައިވަނީ؛
"އެއްވެސް މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރާ ތާރީހުން ފެށިގެން ގިނަވެގެން 18 މަސްދުވެހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެން ދާއިރު އިނާޔަތް ދޭންޖެހޭ ނަމަ އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ." ފްރޭމްވޯކަށް ގެނައި އިސްލާހުގައިވެ އެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފަށާ އިސްލާހާ އެކު ތައުލީމީ ދާއިރާގެ މުވައްޒަފުންތަކެއް ހުށަހެޅި ޕެޓިޝަނުގެ މައްސަލައަށް ހައްލެއް އައީ އެވެ. ކުރިން އޮތް ގޮތުން ނަމަ އިނާޔަތް ލިބެންޖެހޭ ގޮތް އިހުތިޔާރު ކުރުމުގެ ފުރުސަތެއް ނޯވެ އެވެ. ލިބޭ އެއްޗެއް ހިސާބުކުރުމަށް ބަލާނީ ވެސް މުސާރަ ބޮޑުވުމުގެ ކުރިން ހުރި މިންވަރަށެވެ.
މީގެ އިތުރުން، އޮނިގަނޑު ތަންފީޒުކުރެވުނު އިރު ވެސް ބައެއް މުވައްޒަފުންނަކީ 40 އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައި ތިބި ބަޔަކަށް ވީ ނަމަވެސް އިނާޔަތް ދޭންވުމުން އެ މުވައްޒަފުންގެ ހިދުމަތް 30 އަހަރަށް ބަދަލުވާގޮތަށް މި އޮނިގަނޑުގައި އޮންނަ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. އަދި ދައުލަތުގެ ޕޭ ފްރޭމް ވޯކްގައި މި އޮނިގަނޑުގައި ވަކި ބަޔަކު ހިމަަނައި އޮނިގަޑު ތަންފީޒުކުރަން ފެށުމަކީ އޮނިގަނޑަށް ކިޔާ ނަމާއި ތަންފީޒުކުރާ ގޮތާ ފުށުއާރާ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.