31 އޮކްޓޯބަރ 2022 - 19:27

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީސްގެ ސީއީއޯއަކަށް ސުޖާތާ ހަލީމް އައްޔަން ކުރެއްވުމަށް އެ އިދާރާގެ ބޯޑުން މިއަދު ނިންމައިފި އެވެ.
ސުޖާތާއަކީ އެ އޮފީހުގެ އެކްޓިން ސީއީއޯގެ މަގާމުގައި ހުންނަވާތާ ދެ އަހަރު ވެއްޖެ އެވެ.
ޕެންޝަން އޮފީހުން ބުނީ 2015 ވަނަ އަހަރުން ފެށިގެން އެ އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުންނެވީ ސުޖާތާ ކަމަށެވެ. އޭނާއަކީ ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފް ކުރަން ކުރި މަސައްކަތުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް އެ އޮފީހުން ބުންޏެވެ.
ވޯލްޑް ބޭންކުން ކުރިޔަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގުމާއި ޕެންޝަނާ ބެހޭ ގާނޫނު އެކުލަވައިލައި ތަންފީޒު ކުރުމުގައި ވެސް ސުޖާތާ އިސް ރޯލެއް އަދާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުގައި ކުރިން ސީއީއޯގެ މަގާމުގައި ހުންނެވި ޖޯން ގްރިންޑަލް އެ މަގާމުން ވަކި ކޮށްފައި ވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ފެންމަތިވުމަށްފަހު އެވެ.