31 އޮކްޓޯބަރ 2022 - 12:54

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގާނީ ސަރުކާރު ނުވަތަ ވަކި ސިޔާސީ ޕާޓީއެއް ބޭނުންވާ ގޮތަކަށް ނޫން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޓެކްސް ބޮޑު ކުރަން ސަރުކާރުން ފޮނުވާފައިވާ ބިލު މުޅި މަޖިލީހުގެ ކޮމިޓީގައި ދިރާސާ ކުރަމުން ދިޔަ އިރު ކޮމިޓީ ހިންގަމުން ދިޔަ ގޮތާ ގުޅޭ ގޮތުން ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.
ޓެކްސް ބިލުގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ދިޔައިރު ވަގުތު ކަނޑައެޅުމަށް ހުށަހެޅި ތާއީދު ލިބުން ނަމަވެސް ރިޔާސަތުން އެކަމަށް ވޯޓަކަށް ނާހަ އެވެ. އަދި އެ ބިލާ ގުޅޭ ގޮތުން މަޝްވަރާ ހޯދުމަށް މާހިރުން މަޖިލީހަށް ގެނެސްފައި ވަނީ ވެސް މެމްބަރުންގެ ވޯޓަކާ ނުލައި ރިޔާސަތުން އަމިއްލަ އަށް ނިންމަވައިގެނެވެ.
އެ މައްސަލަތައް ފާހަގަ ކުރައްވާ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޓެކްސް ބިލުގެ މަސައްކަތް ކޮމިޓީން ނިންމާލުމަށް ފަހު ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތް ހިނގާނީ ގަވައިދުގައި އޮންނަ ގޮތަށް ކަމަށާއި މެމްބަރުން ރުހިވަޑައިގަތަސް އަދި ނުގަތަސް ވަކި ޕާޓީއެއް ނުވަތަ ސަރުކާރަށް ފަހިވާ ގޮތަށް މަޖިލީހުގެ ކަންކަން ނުހިނގާނެ ކަމަށެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވަންވީ އެއްޗަކީ އަޅުގަނޑު މިތާ އިނދެ އެހެން ގޮތަކަށް ކަމެއް ކުރަން އުޅެނީ ނަމަ އަދި އެކަން ކުރާނީ މާ އެހެން ގޮތަކަށް ކަން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ތެރޭގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެއް އުފެދިފައި އޮތް އިރު ޕާލިމެންޓަރީ ގްރޫޕްގެ މެޖޯރިޓީ ލިބިފައި ވަނީ ރައީސްގެ ފެކްޝަނަށެވެ.
ނަޝީދު ފެކްޝަންގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ޓެކްސް ބިލަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅައިފަ އެވެ. ނަމަވެސް އެ އިސްލާހުތަށް ފާސް ނުވެ ވަނީ ބޭރު ކޮށްލައިފަ އެވެ.