ދިފާއީ ވަކީލުންތަކަކާ މެދު ތައައްސުބެއް ބޭއްވިކަން ސާބިތުވެ ގާޒީ ސަމީރަށް ފިޔަވަޅު އަޅައިފި
ދިފާއީ ވަކީލުންތަކަކާ މެދު ތައައްސުބެއް ބޭއްވިކަން ސާބިތުވެ ގާޒީ ސަމީރަށް ފިޔަވަޅު އަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި އިރު ބެއްލެވި މައްސަލައެއްގައި ދިފާއީ ވަކީލުންނާ މެދު ތައައްސުބެއް އޮތްކަން ހާމަވާ ގޮތަށް އަމަލު ކުރެއްވިކަން ސާބިތުވެ، ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރަށް ނަސޭހަތްތެރިވާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތެއްގައި، ދިފާއީ ވަކީލުންނާ މެދު ތައައްސުބެއް އޮތްކަން ހާމަވާފަދަ ގޮތަކަށް ގާޒީ ސަމީރު އަމަލުކޮށް، ވާހަކަދައްކާފައިވާކަން ސާބިތުވާ ކަމަށް، އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައިގައި ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފިޔަވަޅެއްގެ ގޮތުން ސަމީރަށް ނަސޭހަތްތެރިވުމުގެ އިތުރުން އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ހެދުމަށް އޭނާއަށް އެންގުމަށް ވެސް މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން ބުނި ގޮތުގައި އޭނާގެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެކެވެ.

ކުރިން ތުލުސްދޫ ކޯޓާއި ފެމިލީ ކޯޓުގެ ގާޒީކަން ކުރެއްވި ސަމީރު ކްރިމިނަލް ކޯޓަށް އައްޔަން ކުރީ 2017 ވަނަ އަހަރު އެވެ. އެކަމަކު، އޭނާ އަމިއްލައަށް އެދިވަޑައިގަތުމުން ޑްރަގް ކޯޓަށް ބަދަލު ކުރަން ޖޭއެސްސީއިން ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.