ހަލްއާ ދެކޮޅަށް ހުރިހާ ހަތިޔާރެއް ބޭނުންކުރާނަން: މޮރީނިއޯ
ހަލްއާ ދެކޮޅަށް ހުރިހާ ހަތިޔާރެއް ބޭނުންކުރާނަން: މޮރީނިއޯ

މެންޗެސްޓާ (ޖެނުއަރީ 10) - އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ހަލް ސިޓިއާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓާ ޔުނައިޓެޑްގެ ހުރިހާ ހަތިޔާރެއް ބޭނުންކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މިރޭ އަމިއްލަ ދަނޑުގައި ހަލްއާ ދެކޮޅަށް ނުކުޅެވޭނީ ޔުނައިޓެޑްގެ އެންމެ ކުޅުންތެރިޔަކަށެވެ. އެއީ އެފްރިކަން ކަޕްގައި ކުޅެން ރިލީސްކޮށްފައިވާ އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބައިލީ އެވެ.

އެފްއޭ ކަޕްގައި ރެޑިން އަތުން މޮޅުވި މެޗުގައި ޕައުލް ޕޮގްބާ އާއި ޒަަލަޓަން އިބްރަހިމޮވިޗް ބޭނުންކޮށްފައެއް ނުވެ އެވެ. މޮރީނިއޯ ބުނީ ހަލްއާ ދެކޮޅަށް އެދެ ކުޅުންތެރިން ކުޅޭނެ ކަމަށެވެ.

"ސެމީ ފައިނަލަކަށް ދަށް ޓީމެއް ނާންނާނެ. އެއީ ފުޓްބޯޅައިގައި އެންމެން ވެސް ގަބޫލުކުރާނެ ހަގީގަތެއް. އިބްރަހިމޮވިޗާއި ޕޮގްބާ ހަލްއާ ދެކޮޅަށް ކުޅޭނެ. ހަލް އަތުން މޮޅުވަން ޔުނައިޓެޑްގެ ހުރިހާ ހަތިޔާރެއް ބޭނުން ކުރާނަން. މި ޓީމަކީ ކޮންމެ މުބާރާތެއްގެ ވެސް ތަށްޓަށް ޓާގެޓް ކުރާ ޓީމެއް،" މޮރީނިއޯ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ދެން ޔުނައިޓެޑް ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ލިވަޕޫލާ ދެކޮަށެވެ. މޮރީނިއޯ ބުނީ ހުރިހާ ސަމާލުކަމެއް ހުއްޓިފައިހުރީ މިރޭ މެޗަށް ކަމަށެވެ.

"ތެދެއް ލިވަޕޫލާ އެކު އާދިއްތަ ދުވަހު އޮތީ ވަރަށް ވަރަށް މުހިއްމު މެޗެއް. އެކަމަކު އެ މެޗަށް ވިސްނައިގެން މި މުބާރާތުގެ ފައިނަލުގެ ފުރުސަތު ގެއްލެން ބޭނުމެއް ނޫން. ފޯކަސް އޮތީ މިރޭގެ މެޗަށް،" މޮރީނިއޯ ބުންޏެވެ.

އެންމެ ފަހުން ހަލް އާއި ޔުނައިޓެޑް ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައިވަނީ ޔުނައިޓެޑެވެ. އެހެން ކަމުން ތާރީހަށް ބަލާއިރު މެޗު ބުރަވަނީ އެ ޓީމު ކޮޅަށެވެ.

ހަލްގެ އާ ކޯޗު މާކޯ ސިލްވާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ އެފްއޭ ކަޕްގައި ސްވަންސީ ސިޓީ ބަލިކޮށްފަ އެވެ. މިރޭގެ މެޗަކީ ހުރިހާ ގޮތަކުން ވެސް އެ މެޗާ ތަފާތު ކުރިމަތިލުމެއް ކަމަށް ސިލްވާ ގަބޫލުކުރެ އެވެ.

"ހަލް އޮތް ހިސާބާއި މި ޓީމުގެ ހައިސިއްޔަތަށް ބަލާއިރު ޔުނައިޓެޑާ ވާދަކުރަން އުނދަގޫވާނެ. އެކަމަކު މިއީ ފުޓްބޯޅަ މެެޗެއް. މެޗެއް ޑިސައިޑްކުރާނީ ދަނޑު މަތީގައި ތިބޭ 11 ކުޅުންތެރިން އެ ކުރާ ހިތްވަރުން. ހަލް އަށް ބޭނުންވަނީ ރަނގަޅު ނަތީޖާތަކެއް. މިއީ އެކަން ކުރަން ރަނގަޅު ދަނޑިވަޅެއް،" ސިލްވާ ބުންޏެވެ.

ހަލް އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރު އެވެ.