31 އޮކްޓޯބަރ 2022 - 10:03

ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާ އެކު ހަރަދުތައް ބޮޑުވެ މި އަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރަން ޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން އަމީރު މިއަދު ވިދާޅުވީ މި އަހަރުގެ ބަޖެޓާ ސަރުކާރުން ކުރިމަތިލީ ޑެފިސިޓް ކުޑަކޮށް ދަރަނީގެ މިންވަރު ކުޑަ ކުރުމުގެ އަމާޒެއްގައި ކަމަށެވެ.
ނަމަވެސް ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ އާއެކު ތެލާއި ތަކެތީގެ އަދަދު އިންތިހާ އަށް މައްޗަށް ދިއުމުގެ ސަބަބުން ބަޖެޓަށް ބާރު ބޮޑުވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
ފިއުލް ސަބްސިޑީ އަށް ބަޖެޓް ކުރި 342 މިލިއަން ރުފިޔާ މި އަހަރުގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ހުއްޓިފައި ހުރި މަޝްރޫއުތައް ބާރަށް ހިނގައިގަނެ، ހަރަދު އިތުރުވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
މި ކަންކަމާ އެކު މި އަހަރުގެ ބަޖެޓް ބަޖެޓު 42.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އަމީރު ވިދާޅުވި އެވެ.
"އެހެންކަމުން 2022 ގެ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވެފައިވޭ. މި ބަޖެޓާ އެކު 2022 ގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރަން ޖެހޭ. މި އިތުރުވުން ފައިނޭންސް ކުރާނީ މަޝްރޫއުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިން ހޯދައިގެން،" އަމީރު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓު އިތުރުވި ނަމަވެސް ފާސް ކުރި ބަޖެޓުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ މިންވަރަށް ވުރެ ލިބުނު އާމްދަނީ ވެސް އިތުރު ވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
ޓޫރިޒަމް އާއި ވިޔަފާރިތައް ރަނގަޅުވެފައިވާތީ މި އަހަރު 26.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އަމީރު ވިދާޅުވި އެވެ. އެއާއެކު މި އަހަރުގެ ޑެފިސިޓް 13.6 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން 14.3 ޕަސެންޓް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.