31 އޮކްޓޯބަރ 2022 - 18:23

ދައުލަތުގެ އަންނަ އަހަރުގެ ރިޒާވް ވެސް ދަށަށް ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު ރިޒާވް ހުންނާނީ 606.3 މިލިއަން ޑޮލަރުގަ އެވެ. މިއީ މި އަހަރުގެ ރިޒާވް ހުންނާނެ ކަމަށް ލަފާކުރާ އަދަދަށްވުރެ 32 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. ރާއްޖޭގެ ރިޒާވް މިދިޔަ އަހަރު ނިމުނު އިރު ހުރީ 805 މިލިއަން ޑޮލަރުގަ އެވެ. އަދި 2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވް ހުރީ 985 މިލިއަން ޑޮލަރުގަ އެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭ ރާއްޖޭގެ ރިޒާވް އެހާ ބޮޑަށް ދަށަށް ގޮސްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ
އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން ތެޔޮ އިމްޕޯޓު ކުރުމަށް ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް އިތުރު ވުމުންނެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރު ރާއްޖޭގެ ރިޒާވް 606 މިލިއަން ޑޮލަރުގައި ހިފެހެއްޓޭނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ދަށްވެ، ރާއްޖޭގެ އާމްދަނީ އިތުރުވެގެން ކަމަށެވެ. އަދި އަންނަ އަހަރު މިކަންކަން ހާސިލުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ،
މި ވެރިކަމުގެ ފަސް އަަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަަރަށް އިތުރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސިީ ވައުދެކެވެ.
ރިޒާވް އިތުރު ކުރުމަށްޓަކައި އެންމެ ފަސޭހަ ގޮތަކީ ލިބޭ އާމްދަނީން މިންވަރެއް ރައްކާކުރުމެވެ. ގައުމަށް ވަންނަ ބޭރު ފައިސާ އަށް ވުރެ ގައުމުން ބޭރުވާ ބޭރު ފައިސާ ގިނަވާ ނަމަ ދުވަހެއް ދުވަހަކަށް ރިޒާވް ދާނީ ދަށްވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރުމަށްޓަކައި ރިޒާވް ބޮޑު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.