ކުޅުންތެރިންގެ ސޮއި ހޯދައި ވެލެންސިއާ މިއަދު ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ ސޮއި ހޯދައި ވެލެންސިއާ މިއަދު ޕްރެކްޓިސް ފަށަނީ

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރަށް ތައްުޔާރުވުމުގެ ގޮތުން ސްކޮޑު އެކުލަވާލައި ކްލަބް ވެލެންސިއާ އިން މިއަދު ހަވީރު ޕްރެކްޓިސް ފަށަން ނިންމައިފި އެވެ.

ކުޅުންތެރިންގެ ސޮއި ހޯދައި ވެލެންސިއާ މިއަދު ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ ސޮއި ހޯދައި ވެލެންސިއާ މިއަދު ޕްރެކްޓިސް ފަށަނީ

މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ވެލެންސިއާ އިން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، މިއީ ފާއިތުވި އަށް އަހަރު ތެރޭގައި އެ ޓީމަށް ލިބުނު ފުރަތަމަ ކާމިޔާބީ އެވެ. އޭއެފްސީ ކަޕުން ވެލެންސިއާ އަށް ފުރުސަތު ލިބުނު ނަމަވެސް އެ ޓީމު ތައްޔާރީތައް މިހާތަނަށް ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި ވެލެންސިއާ އިން ވަނީ އާ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި ވިކްޓަރީ އަށް މިދިޔަ ސީޒަނުގައި ކުޅުނު މުހައްމަދު ތަސްނީމް (ތައްތި) އާއި ގޯލްކީޕަރު ތޮލާލް ހަސަން އަދި ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ގޮޑްފްރޭ ވެސްޓް ހިމެނެ އެވެ. އަދި ބީޖީ އަށް މިދިޔަ އަހަރު ކުޅުނު އިބްރާހިމް ޝިޔާމް (ދޮނާ) އާއި އިބްރާހިމް ހަމްދާން ވެސް ވަނީ ވެލެންސިއާ އަށް ކުޅެން އެއްބަސްވެފަ އެވެ. ވެލެންސިއާގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމުގެ ކޮއްކޮ ދޮނާ ވަނީ މީގެ ކުރިން ވެސް ވެލެންސިއާ އަށް ކުޅެފަ އެވެ.

މި އަހަރު ވެސް ވެލެންސިއާ އަށް ކޯޗުކޮށްދޭނީ ކުރީގެ ގޯލްކީޕަރު މުހައްމަދު އިގުބާލް އެވެ. އަދި އޭނާއާ އެކު ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކުރީގެ ކެޕްޓަން އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.

ވެލެންސިއާ ދޫކޮށް ދިޔަ ކުޅުންތެރިންނަށް ބަލާއިރު އަކުރަމް އަބްދުލް ގަނީ (އަކޫ) ވަނީ ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ. އަދި ހަސަން އަދުހަމް (ސަޑޭ) އާއި މުހައްމަދު އާރިފް (ބަކާ) ވިކްޓަރީ އަށް ބަދަލުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ވެލެންސިއާގައި މިިދިޔަ ސީޒަނުގައި ކުޅުނު ގިނަ ކުޅުންތެރިން މި ފަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ. އޭގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ހިމެނެ އެވެ.

އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ވެލެންސިއާ ވާދަކުރަން ޖެހެނީ ބޫޓާންގެ ތިމްޕޫއާ އެވެ. މި މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފުގައި ބައްދަލުކުރާނީ މޯހަން ބަގާން އާއި ކޮލަމްބޯ ކުޅެ މޮޅުވާ ޓީމަކާ އެވެ. ޕްރިލިމިނަރީ ބުރު އޮންނާނީ ޖެނުއަރީ 31 އަދި ފެބްރުއަރީ 7 އެވެ. ޕްލޭއޮފް އޮންނާނީ ފެބްރުއަރީ 21 އަދި 28 ގަ އެވެ.