30 އޮކްޓޯބަރ 2022 - 17:38

ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ރިޓަޔާވުމުގެ އުސޫލަށް ގެނައި ބަދަލާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަން މިއަދު ހުށަހަޅައިފައިވަނީ 500އަށްވުރެ ގިނަ ޓީޗަރުންގެ ބައިވެރިވުމާ އެކު އެވެ. މި ޕެޓިޝަނުގައި ގިނައިން ސޮއިކޮށްފައިވަނީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ޓީޗަރުންނެވެ.
މި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ އޮނިގަނޑުގައި 55 އަހަރުން މަތީގެ އުމުރުގެ މީހުން ހިމަނައި މަހު އިނާޔަތް ލިބޭ ގޮތަށް ރިޓަޔާވުމަށް ހަ މަސް ދުވަހުގެ ފުރުސަތު ފަހިކޮށްދީފައިވާއިރު ރިޓަޔާކުރަން ޖެހެނީ މިހާރު ލިބެމުންދާ މުސާރައިގެ ބަދަލުގައި ކުރިން ހުރި މަގާމުގައި ލިބުނު މުސާރައިން ކަމަށެެވެ. އެހެންކަމުން ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވި ނަމަވެސް ޕެންޝަން ފައިސާ އާއި އެހެނިހެން ކަންކަން ވައުދާ އެއް ގޮތަށް ހިނގަމުން ނުދާ ކަމަށް ޕެޓިޝަންގައި ވެ އެވެ.
މީގެ އިތުރުން، އޮނިގަނޑު ތަންފީޒުކުރެވުނު އިރު ވެސް ބައެއް މުވައްޒަފުންނަކީ 40 އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައި ތިބި ބަޔަކަށް ވީ ނަމަވެސް އިނާޔަތް ދޭންވުމުން އެ މުވައްޒަފުންގެ ހިދުމަތް 30 އަހަރަށް ބަދަލުވާގޮތަށް މި އޮނިގަނޑުގައި އޮންނަ އޮތުމަކީ ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޕެޓިޝަންގައި ވެ އެވެ. ދައުލަތުގެ ޕޭ ފްރޭމް ވޯކްގައި މި އޮނިގަނޑުގައި ވަކި ބަޔަކު ހިމަަނައި އޮނިގަޑު ތަންފީޒުކުރަން ފެށުމަކީ އޮނިގަނޑަށް ކިޔާ ނަމާއި ތަންފީޒުކުރާ ގޮތާ ފުށުއާރާ ކަމެއް ކަމަށް ވެސް ބުނެފައި ވެ އެވެ.
މި އޮނިގަނޑުގައި ސިވިލްސާވިސްގެ ވަކި ބަޔަކު ހިމަނައި އެ ބަޔަކަށް އެކަނި އޮނިގަނޑު ތަންފީޒުކުރަން ފެށުމަކީ ބޭ އިންސާފެއް ކަމަށާއި އޮނިގަނޑު ތަންފީޒުކުރަން ވާނީ ސިވިލްސާވިސް ހުރިހާ މުވައްޒަފުންނަށް ކަމުގައި ދެކޭ ކަމަށް ވެސް ބުނެފައި ވެ އެވެ.
މި ޕެޓިޝަންގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ބުނާ ގޮތުގައި ގިނަ ކަންބޮޑުވުންތަކެއް ހުރި އޮނިގަނޑުގައި ބޭއިންސާފު އެތައް ކަމެއް ހިމެނިފައިވާތީ މި ކަންކަމަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ އެވެ.