30 އޮކްޓޯބަރ 2022 - 17:27

މަޝްހޫރު އެތުލީޓް ޑރ. ހުސެއިން ހަލީމް (ކުޑަހުސެއިން)ގެ ކެރިއަރުގައި އޭނާ އަށް ލިބުނު މެޑެލްތަކާއި ސެޓްފިކެެޓުތަކަކާއި އަގުހުރި ސާމާނުތަކެއް ހުރި ފޮއްޓެއް ވަގަށް ގެއްލި، އެ ވަގަށް ނެގި މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ހުސެއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާގެ ފޮށި ވަގަށް ގެންދިޔައީ ގެ ބަދަލުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ ފޮށީގައި ހުރި ތަކެތީގެ ތެރޭގައި ކުޅިވަރުގެ އެކި ކަންކަމުގައި ލިބިފައިވާ ސެޓްފިކެޓުތަކާއި ބައެއް އެހެނިހެން ސާމާނު ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އަދި އެ ފޮށީގައި 25،000ރ.ގެ ގަޑިއެއް އޮންނާނެ ކަމަށާއި ފޮށި ނެގި މީހާ އެ ގަޑި ވިއްކާލައިފި ކަން އެނގިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ ނުލިބުނު ނަމަވެސް ބޭނުންވަނީ އޮލިމްޕިކްގެ ހަނދާންތަކާ ގުޅިފައިވާ ސެޓްފިކެޓުތައް ކަމަށް ހުސެއިން ޕޯސްޓުގައި ބުނެފައިވެ އެވެ. ހުސެއިން އަކީ ކުރިން ރާއްޖޭގެ އެއް ނަންބަރު އެތުލީޓެވެ.
އެ ފޮށި ފަހުން ފެނުނު ނަމަވެސް އޭގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި އެހެެން ކަމުން އޭގައި ހުރި އެއްޗެހި ހޯދޭނީ ފޮށި ނެގި މީހާއާ ހަމައަށް ދެވުމުން ކަމަށް އޭނާ ބައެއް މީޑިއާތަކަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.
ގެއްލުނު ފޮއްޓަކީ ވެސް އަގުހުރި ފޮއްޓެއް ކަމަށާއި އޭގައި އެކި ދަތުރުތަކުގެ ސްޓިކާތަކާއި ހަނދާންތައް ހުންނާނެ ކަމަށް ހުސެއިން ބުނެފައިވެ އެވެ.
އެ ފޮށި ގެންދިޔަ މީހާ އަކީ ކާކުކަން ފުލުހުންނަށް އެނގޭ ނަމަވެސް އެ މީހާ ފެނިފައި ނުވާތީ އެ މީހާ ހޯދުމަަށް އާންމުންގެ އެހީތެރިކަމަށް އެދުނީ ކަމަށް އޭނާ ބުންޏެވެ.