10 ޖެނުއަރީ 2017 - 12:20

ހާއްސަ ޑިސްކައުންޓްތަކާއި ކުޑަކުދިންނަށް ހިލޭ ޓިކެޓާ އެކު ގަތަރު އެއާވޭސް އިން މި އަހަރުގެ ޓްރެވަލް ފެސްޓިވަލް ފަށައިފި އެވެ.
ގަތަރު އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ފެސްޓިވަލްގެ ދަށުން ޓިކެޓު ގަތުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހު 16 ގެ ނިޔަލަށެވެ. އަދި މި ޓިކެޓުތަކުން މި މަހު 11 އިން ޑިސެމްބަރު 15 ގެ ނިޔަލަށް ދަތުރުކުރެވޭނެ އެވެ.
އެ އެއާލައިނުގެ މި އަހަރުގެ ފެސްޓިވަލްގައި 500 އަށް ވުރެ ގިނަ ހަދިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެކި މަންޒިލްތަކަށް ބިޒްނަސް އަދި އިކޮނޮމީ ކްލާހުގެ ޓިކެޓު ހެޔޮ އަގުގައި ލިބޭ އިރު، ގްރޫޕް ބުކިންތަކާއި އިތުރު މީހަކާ އެކު ދަތުރުކުރާ ނަމަ ޑިސްކައުންޓްތައް ލިބެ އެވެ. އަދި ކުޑަކުދިންނަށް ހިލޭ ޓިކެޓު ވެސް ލިބެ އެވެ.
މީގެ އިތުރުން އެ އެއާލައިނުން ވަނީ ސޯޝަލް މީޑިއާގައި "ޓްރެޝާ ހަންޓް" މުބާރާތެއް ފަށައިފަ އެވެ. މި މުބާރާތުގައި، ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓާ މެދުވެރިކޮށް، ގަތަރު އެއާވޭސް ފޮލޯ ކުރާ މީހުންނަށް ކޮންމެ ދުވަހަކު ވެސް ޖަވާބު ދިމާކުރަން އެހީތައް ލިބޭނެ އެވެ.
މި "ޓްރެޝާ ހަންޓުް" އިން މޮޅުވާ މީހަކަށް ލިބެނީ އެ އެއާލައިނުން ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން އެމީހަކު ބޭނުންވާ މަންޒިލަކަށް ޒީރޯ ފެއާ ގޯލްޑަން ޓިކެޓެކެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ގަތަރު އެއާވޭސްގެ ޕްރިވިލެޖް ކަލަލް މެމްބަރުންނަށް މި ފެސްޓިވަލް ކުރިއަށްދާ މުއްދަތުގައި އިތުރު "ކިއު މައިލްސް" ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މި މެމްބަރުންނަށް ހާއްސަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ބުނެ އެވެ.
ގަތަރު އެއާވޭސްގެ ފްލީޓުގައި 192 އެއާކްރާފްޓް ހިމެނޭ އިރު އެ އެއާލައިނުން 150 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުކުރެ އެވެ. އަދި މިއަހަރު އާ މަންޒިލްތަކަށް ދަތުރު ފަށާނެ ކަމަށް ވެސް އެ އެއާލައިނުން ބުނެ އެވެ. އޭގެ ތެރޭގައި އޯކްލޭންޑް، ޑަބްލިން، ލަސް ވެގަސް، ރިއޯ ޑި ޖެނޭރޯ އަދި ސެންޓިއާގޯ ފަދަ މަންޒިލްތައް ހިމެނެ އެވެ.