30 އޮކްޓޯބަރ 2022 - 10:09

މައިލޯ ޓީ ޓްވެންޓީ ކްރިކެޓް ލީގުގެ ޗެމްޕިއަންކަން ބާކީ އެއް މެޗު އޮއްވާ މިލާން ކްރިކެޓް އެކަޑަމީ ހޯދައިފި އެވެ.
އެ ޓީމަށް ޗެމްޕިއަންކަން ކަށަވަރުވީ އިއްޔެ ކުޅެން އޮތް މެޗަށް ކޮމެޓްސް ޓީމު ހާޒިރުނުވުމުންނެވެ. މިލާން ޗެމްޕިއަންކަން ހޯދީ ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށްގެން 24 ޕޮއިންޓް އެއްކޮށްގެންނެވެ.
މިލާން އަށް ތަށި ހަވާލުކުރާނީ އަންނަ ބުރާސްފަތި ދުވަހު މެންދުރުފަހު ވިޔަންސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ.
މުބާރާތުގެ ގަދަ ހަތަރު ޓީމަށް ޓީ ޓްވެންޓީ ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭނެ އެވެ. މި ހަތަރު ޖާގައިގެ ތެރެއިން ތިން ޖާގަ މިލާން، މާލޭ ވެޓްރަންސް އަދި މާލޭ ސްޕޯޓްސް ކްލަބް ވަނީ ކަށަވަރުކޮށްފަ އެވެ. ފަހު ޖާގައަށް ވާދަކުރަނީ ވިޔަންސާ އާއީ ސީބީއެލް އެވެ. ބުރާސްފަތި ދުވަހު މިލާން އަތުން ވިޔަންސާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ހަތަރު ވަނަ ލިބޭނެ އެވެ. ވިޔަންސާ ބަލިވެއްޖެ ނަމަ ފުރުސަތު އޮންނާނީ ސީބީއެލް އަށެވެ.
މީގެ ތެރެއިން ވެޓްރަންސް އިން ގަދަ ހަތަރެއް ކަށަވަރުކުރީ އިއްޔެ ނިއުސްޓާ އަތުން ހަ ވިކެޓުން މޮޅުވެގެންނެވެ. ނިއުސްޓާ އަށް 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 117 ލަނޑެވެ. ޖަވާބުގައި މާލޭ ވެޓްރަންސް ކުޅެން އަރައި 16 އޯވަރުގެ ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން 118 ލަނޑު ހެދި އެވެ.