ލަންކާގެ އެކަޑަމީއާއެކު ރާއްޖޭގެ "ސްޓާސް" ބާސްކެޓް ވައިޑީޕީގެ އެހެން ހަރުފަތަކަށް
ލަންކާގެ އެކަޑަމީއާއެކު ރާއްޖޭގެ "ސްޓާސް" ބާސްކެޓް ވައިޑީޕީގެ އެހެން ހަރުފަތަކަށް

ރާއްޖޭގެ ބާސްކެޓްބޯޅައިގެ ވައިޑީޕީ އެހެން ހަރުފަތަކަށް ގެންދިއުމަށް، ރާއްޖޭގެ ސްޓާސް އެކަޑަމީން ސްރީ ލަންކާގެ އިމްޕެކްޓް ހޫކްސް ލެބް އާއެކު މަސައްކަތް ކުރަން ފަށައިފި އެވެ.

ބާސްކެޓްބޯޅައިގައި ރާއްޖޭގެ އެންމެ ބޮޑު އެކަޑަމީ، "ސްޓާސް" ގެ ފައުންޑާ އަދި ހެޑް ކޯޗު ހުސަން ޒަމީލް ބުނީ، ރަސްމީކޮށް އެއްބަސްވުމެއް އަދި ހެދިފައި ނުވި ނަމަވެސް ދެ ގައުމުގެ އެކަޑަމީ ގުޅިގެން މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން މި މަހު 21-22 އަށް ސްޓާސް އެކަޑަމީން ހުޅުމާލޭ ބާސްކެޓްބޯޅަ ކޯޓްގައި ބޭއްވި 15 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރަން އިމްޕެކްޓް ހޫކްސް އެކަޑަމީގެ ޓީމެއް މާލެ އައެވެ. އެ މުބާރާތުގެ ފައިނަލުގައި އަހުމަދިއްޔާ ސްކޫލުގެ ޓީމު ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް އިމްޕެކްޓް ހޫކްސްގެ ޓީމެވެ.

"އިމްޕެކްޓް ހޫކްސް އާއެކު ރަސްމީ އެއްބަސްވުމަކަށް ދިއުމުގެ މަރުހަލާގައި މިއުޅެނީ. އެކަމަކު އެއްބަސްވުމަކަށް ނުދެވުނަސް ދެ އެކަޑަމީ ގުޅިގެން މިހާރު ވެސް މަސައްކަތްތަކެއް ފެށިފައި މިވަނީ،" ދަ ބައުސް ބާސްކެޓްބޯޅަ ކްލަބްގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ޒަމްބެ ބުންޏެވެ.

"އެއްބަސްވުމަކާ އެކު ދެން ފެށިގެންދާ މަސައްކަތްތަކުން ރާއްޖޭގެ ބާސްކެޓްގެ ވައިޑީޕީގޭ މަސައްކަތް އެހެން ހަރުފަތަކަށް ގެންދެވޭނެ."

ސްޓާސް އެކަޑަމީން ރާއްޖޭގެ ބާސްކެޓްގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކާ މެދު، އިމްޕެކްޓް އެކަޑަމީގެ ކޯޗު ޕްރަނީތު އުޑުމަލަގަލާ ވަނީ ހިތްހަމަޖެހޭކަން ފާޅުކޮށްފަ އެވެ.

ބާސްކެޓްގެ ވައީޑީޕީގައި އެންމެ ހަރަކާތްތެރި އެކަޑަމީން ވަނީ މި އަހަރު އެމެރިކާގެ ކޯޗެއް ކަމަށްވާ ރިޗަޑް ރެޑްފާން ހަމަޖައްސައިފަ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ބާސްކެޓް ލީގު، އެމެރިކާގެ އެންމބީއޭ އަށް ޓެކްނިކަލް މަސައްކަތް ކޮށްދޭ ކުންފުންޏެއް ކަމަށްވާ ކޯޗާސް ޓީމު އިންޓަނޭޝަނަލް (ސީއަ) ގައި މަސައްކަތް ކުރާ ރެޑްފާން ހަތަރު މަސް ވަންދެން ސްޓާސް އެކަޑަމީގައި މަސައްކަތް ކުރި އެވެ.

ސްޓާސް އަކީ، ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށްގެންދާ އެކަޑަމީ އެކެވެ. އެ އެކަޑަމީން ވަނީ އެމެރިކާގެ ބާސްކެޓްބޯޅައިގައި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓްރޭނިންތައް ކުރިއަށްގެންދާ "ޝޫޓް 360" އާ އެކު ވެސް އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ސްޓާސް އެކަޑަމީގެ ކުދިން އެމެރިކާ އަށް ޓްރޭނިން އަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ބާސްކެޓްގެ ވައިޑީޕީ މަސައްކަތް އެސޯސިއޭޝަނުން 2013 ހިސާބުގައި އަތް ދޫކޮށްލުމުން ވައިޑީޕީގެ މަސައްކަތް މުޅިން ބިމާ ހަމަވިޔަ ނުދީ ހިފެހެއްޓި އެއް އެކަޑަމީ އަކީ ސްޓާސް އެވެ.

ސްޓާސްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯ އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ. ޒަމީލް ބުނީ އެސްޓީއޯ އާއެކު ހެދި އެއްބަސްވުމުގެ ދަށުން ސްޓާސް އެކަޑަމީގެ ހަރަކާތްތައް އަތޮޅު ތެރެއަށް ފުޅާ ކުރަން މަގުފަހި ވެގެންދާނެ ކަމަށެވެ.