އީރާންގެ މުޒާހަރާ އަށް އެންމެ ފަހުގެ އިންޒާރު ދީފި
އީރާންގެ މުޒާހަރާ އަށް އެންމެ ފަހުގެ އިންޒާރު ދީފި

މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި ޒުވާން އަންހެނަކު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވުމާ ގުޅިގެން، އީރާން ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންނަށް، އީރާންގެ އިންގިލާބީ ލަޝްކަރުން އެންމެ ފަހުގެ އިންޒާރު އިއްޔެ ދީފި އެވެ.

އީރާންގެ މުޒާހަރާ އަށް އެންމެ ފަހުގެ އިންޒާރު ދީފި
އީރާންގެ މުޒާހަރާ އަށް އެންމެ ފަހުގެ އިންޒާރު ދީފި

އިންގިލާބީ ލަޝްކަރުގެ ވެރިޔާ ހުސައިން ސަލާމީ ވިދާޅުވި ގޮތުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިން މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމަށް ދޭނެ އެންމެ ފަހު ދުވަހަކީ ހޮނިހިރު (އިއްޔެ) ދުވަހެވެ.

އީރާންގެ މުޒާހަރާ އަށް އެންމެ ފަހުގެ އިންޒާރު ދީފި
އީރާންގެ މުޒާހަރާ އަށް އެންމެ ފަހުގެ އިންޒާރު ދީފި

"ދެން މަގުތަކަށް ނުނުކުންނާތި. މިއަދަކީ ކަލޭމެންނަށް ލިބޭނެ އެންމެ ފަހު ދުވަސް. މި ނުބައި ނުލަފާ ރޭވުމަކީ ވައިޓް ހައުސް އާއި ސަހްޔޫނީ ސަރުކާރުން ރާވައި ހިންގަމުންދާ ނުބައި ކުޅިގަނޑެއް،" ޝީއީންގެ ޒިޔާރަތަކަށް މިދިޔަ ބުދަ ދުވަހު ދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގައި ވާހަކަ ދައްކަވަމުން އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރު ހުސައިން ސަލާމީ ވިދާޅުވި އެވެ.

އިންގިލާބީ ލަޝްކަރަކީ، ސީދާ އެ ގައުމުގެ ރޫހާނީ ލީޑަރުގެ ފަރާތުން އަމުރުތައް ލިބިގަންނަ، އަދި ރޫހާނީ ލީޑަރަށް ޖަވާބުދާރީވާ ލަޝްކަރެކެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު، އީރާންގެ ކުޑަ އަވަށެއްގައި ފެށި މުޒާހަރާތަކަށް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ފެތުރިފައިވާ އިރު، އެ މުޒާހަރާތައް ހުއްޓުވުމަށް އިންގިލާބީ ލަޝްކަރުގެ ސިފައިން މިހާތަނަށް މަގުމައްޗަކަށް ނުނެރެ އެވެ.

އީރާންގެ އިންގިލާބީ ލަޝްކަރަކީ، މީގެ ކުރިން ވެސް އެ ގައުމުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅައިލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެތައް ބަޔަކު މަރާފައިވާ ކަމުގެ ތުހުމަތު އެޅުވިފައިވާ ލަޝްކަރެކެވެ.

މަހްސާ އަމީނީގެ މަރާ ގުޅިގެން، ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް މަދުވެގެން 250 މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ. އޭގެ އިތުރުން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު އެތައް ހާހަކަށް އަރާ ކަމަށް ވެސް، އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެ އެވެ.

ކުރުދީ ދަރިކޮޅުގެ މަހްސާ (ޒީނީ) އަމީނީ، 22، މަރުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު، އީރާންގެ ދީނީ ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިއުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ އެވެ. ދީނީ ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ ބޭބެއާ އެކުގައި ކާރުގައި ދަނިކޮށް، ކާރު ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހު، މަހްސާ އެ ވަގުތު ހުރީ، އީރާން ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން ކަމަށް ބުނެ އެވެ.

މަހްސާގެ ބޭބެ ބުނި ގޮތުގައި ފުލުހުން މަހްސާ ހައްޔަރުކުރި ވަގުތު ވަރަށް ބޮޑަށް މަހްސާ އަށް އަނިޔާކުރި އެވެ. އޭނާ މަރުވީ، ފުލުހުންގެ މުގުރުތަކުންނާއި ކޮޅުފައިން ތެޅުމުގެ ސަބަބުން، އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

މަހްސާ މަރުވުމާ ގުޅިގެން، އާންމުން ކުރަމުންދާ މުޒާހަރާތަކުގައި އެންމެ ބޮޑަށް އަޑު އުފުލަމުން ދަނީ، އަންހެނުންނަށް މިނިވަންކަން ދިނުމަށާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް އެދި އެވެ. މަޖުބޫރުކޮށްގެން ގަދަ ބާރުން ބުރުގާ ނޭޅުވޭނެ ކަމަށް ބުނެ، ގިނަ އަންހެނުން މުޒާހަރާތަކުގައި ބައިވެރިވަމުން ދަނީ، އެމީހުން އަޅައިގެން ތިބޭ ބުރުގާ ބޮލުން ބާލައި، ވައިގެ ތެރޭގައި ހޫރަމުންނެވެ.

އީރާންގެ ޖާސޫސީ ކަންކަމާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އީރާން ސަރުކާރާ ދެކޮޅަށް އާންމު ރައްޔިތުން މަގުތަކަށް ނެރެ، ގައުމުގެ މަސްލަހަތު ނަގައިލުމަށް މަސައްކަތް ކުރަމުންދަނީ، އީރާންގެ ދުޝްމަން ގައުމުތައް އަޑީގައި އޮވެގެންނެވެ. އެއީ އެމެރިކާ އާއި އިނގިރޭސި ވިލާތާއި އިޒްރޭލުގެ އިތުރުން ސައޫދީ އަރަބިއްޔާ ކަމަށް ވެސް އީރާނުގެ ޖާސޫސީ އިދާރާތަކުން ބުނެ އެވެ.

"ކަލޭމެންގެ އަބުރާއި ޝަރަފް އެމެރިކާ އަށް ވިއްކައިނުލާ. އަދި ކޮންމެ ނުރައްކަލަކުން ކަލޭމެން ދިފާއުކޮށް ސަލާމަތްކޮށްދޭން ތިބި، ސަލާމަތީ ބާރުތަކުގެ ކަންފަތްމަތީގައި ނުޖަހާ،" އިންގިލާބީ ލަޝްކަރުގެ ކޮމާންޑަރު ހުސައިން ސަލާމީ ވިދާޅުވި އެވެ.