ދެކުނު ކޮރެއާގެ ހެލޮވީން އީދުގައި 151 މީހަކު މަރުވެއްޖެ
ދެކުނު ކޮރެއާގެ ހެލޮވީން އީދުގައި 151 މީހަކު މަރުވެއްޖެ

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި، ކްރިސްޓިއަނުންގެ ހެލޮވީން އީދު ފާހަގަކުރުމަށް ޒުވާނުންތަކެއް އެއްވެގެން ރޭ ބޭއްވި ހަރަކާތްތަކެއްގެ ތެރޭގައި، ހިނގި ފިތި ބާރުވުމުގެ ހާދިސާއެއްގައި މަދުވެގެން 151 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ދެކުނު ކޮރެއާގެ ހެލޮވީން އީދުގައި 151 މީހަކު މަރުވެއްޖެ
ދެކުނު ކޮރެއާގެ ހެލޮވީން އީދުގައި 151 މީހަކު މަރުވެއްޖެ

ސޯލްގެ އިޓައެވޮން އަވަށުގައި ބޭއްވި މި އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވާން މެދުވެރިވީ، ހެލޮވީން ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވާން ދިޔަ އެތައް ސަތޭކަ ބަޔަކު، އެއް ފަހަރާ ހަނި ގޯޅިގަނޑަކުން ދަތުރުކުރަން މަސައްކަތް ކުރުމުން، އެ ގޯޅި ތެރޭގައި ފިތި ބާރުވުމުގެ ސަބަބުންނެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި އުމުރުން 20ގެ އަހަރުތަކުގެ ޒުވާނުންނެވެ.

ދެކުނު ކޮރެއާގެ ހެލޮވީން އީދުގައި 151 މީހަކު މަރުވެއްޖެ
ދެކުނު ކޮރެއާގެ ހެލޮވީން އީދުގައި 151 މީހަކު މަރުވެއްޖެ

ދެކުނު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ރޭގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 19 ބިދޭސީން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އީރާނާއި އުޒުބަކިސްތާން އަދި ޗައިނާ އާއި ނޯވޭގެ ރައްޔިތުން ހިމެނެ އެވެ. މީގެ އިތުރުން 82 މީހަކު ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހިފައިވާ އިރު، އޭގެ ތެރެއިން 19 މީހެއްގެ ހާލު ވަރަށް ގޯސް ކަމަށް ނޫސް އޭޖެންސީން ބުނެ އެވެ.

ރޭ ބޭއްވި ހެލޮވީން އެއްވުމަކީ، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ދެކުނު ކޮރެއާގައި މި ހަރަކާތް ބޭއްވި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ގިނަ މީހުން އެއް ތަނަކަށް އެއްވެ އުޅުން ދެކުނު ކޮރެއާގައި މަނާކޮށްފައި އޮތުމުގެ ސަބަބުން، މިދިޔަ ދެ އަހަރު ވެސް ހެލޮވީން ހަރަކާތްތައް ދެކުނު ކޮރެއާގައި ނުބާއްވަ އެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި މި ހަރަކާތުގައި، މީގެ ކުރީގެ އަހަރުތަކުގައި ބައިވެރިވާ އަދަދަށް ވުރެ 10 ގުނަ އިތުރަށް މީހުން ބައިވެރިވި ކަމަށް، މަންޒަރު ދުށް މީހުން ބުނެ އެވެ. އެހެންކަމުން ސަލާމަތީ ކަންތައް ބަލަހައްޓަން އުޅުނު ފުލުހުންނަށް ވެސް، މީހުން ކޮންޓްރޯލްކުރުން ދަތިވި އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަނި ގޯޅިގަނޑުގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު ފިތިގެން ތާށިވެފައި ތިބި އިރު، ޒަޚަމްވެފައި ތިބި މީހުންނާއި ހޭނެތިފައި ތިބި މީހުން ވެސް އެތަނުން ސަލާމަތް ނުކުރެވި ގަޑިއެއްހާއިރުވި އެވެ. މަރުވެފައި ތިބި މީހުންނާއި ޒަޚަމްވެފައި ތިބި މީހުންނާއި ހޭނެތިފައި ތިބި މީހުން ތިބީ އެއް ބަޔަކު އަނެއް ބައެއްގެ ގައިމައްޗަށް ވެއްޓިފައި ކަމުން، އެ ގޯޅިގަނޑުގެ މެދުތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރަން ގިނަ ވަގުތުތަކެއް ހޭދަވި އެވެ.

ފުލުހުން ބުނި ގޮތުގައި، ފިތިފައި ތިބި މީހުންގެ ތެރެއިން ޒަޚަމްވެފައި ތިބި ބައެއް މީހުން ނެގި އިރު އެމީހުންގެ ފުރާނަ ހުރިކަން ފާހަގަ ކުރެވުމުން، އެމީހުންނަށް ސީޕީއާރް ދީ ނޭވާ ލެއްވޭތޯ މަސައްކަތް ކުރި ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް، ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ޒަޚަމްވި މީހުންނަށް ފަރުވާ ދިން ބައެއް ޑޮކްޓަރުން ބުނި ގޮތުގައި، ހޭނެތިފައި ތިބި ބައެއް މީހުންނަށް ސީޕީއާރް ދޭން ފެށުމުން އެމީހުންގެ އަނގައިންނާއި ނޭފަތުން ނުކުތީ ލެޔެވެ. އަދި ހަނި ގޯޅިގަނޑުން ނެރެގެން ގެނައި ގިނަ މީހުން މަގުގެ ދުވާރުގައި ބައިތިއްބާފައި ތިބި އިރު، ބައެއް މީހުންގެ މޫނުމަތިން ހަން ނޮޅި ލެއިން ތަތްތެޅިފައި އޮތުމުން، ސިފަ ވަކިނުވާ ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.

މި ހާދިސާ ހިނގި އަވަށަކީ، އާންމު ގޮތެއްގައި ދަންވަރުގެ ހަރަކާތްތައް ގިނަ އަދި ނައިޓް ކްލަބްތައް ވެސް ހުންނަ ސަރަހައްދެއް ކަމުން، ކޮންމެ ރެއަކު ވެސް ދަންވަރުގެ ވަގުތުގައި އެ ސަރަހައްދަށް މީހުން ޖަމާވެ އެވެ. ނަމަވެސް ހެލޮވީން ފާހަގަކުރުމަށް ހަމަޖެހިފައި އޮތުމުން، އެހެން ރޭތަކާ ޚިލާފަށް ގިނަ ބަޔަކު އެއްވި އެވެ.