10 ޖެނުއަރީ 2017 - 09:25

ފީފާ އިން އަލަށް ތައާރަފްކުރި ބެސްޓް ފީފާ އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޮވުމަށް ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ވޯޓު ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދިންއިރު ގައުމީ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ ވޯޓު ދިނީ ގަރެތު ބޭލް އަށެވެ.
ރޭ ޒިއުރިކުގައި ބޭއްވި އެވޯޑް ހަފުލާގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯ ހޯދިއިރު ދެ ވަނަ އަށް ދިޔައީ ބާސެލޯނާގެ ލިއޮނަލް މެސީ އެވެ. އަދި ތިން ވަނަ އަކީ އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން އެވެ.
ދަގަނޑޭ އޭނާގެ ދެ ވަނަ ވޯޓު ދިނީ މެސީ އަށެވެ. އަދި ތިން ވަނަ ދިނީ ލުއިސް ސުއަރޭޒް އަށެވެ. ގައުމީ ކޯޗުގެ ދެ ވަނަ ވޯޓު ރޮނާލްޑޯ އަށް ދިން އިރު ތިން ވަަނަ ދިނީ މެސީ އަށެވެ.
އެންމެ މޮޅު ކޯޗަކު ހޮވުމަށް ދަގަނޑޭގެ ފުރަތަމަ ވޯޓު ދިނީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އަށެވެ. ދެ ވަނަ އަށް ބާސެލޯނާގެ ލުއިސް އެންރީކޭ އަށް ދިންއިރު، ތިން ވަނަ ވޯޓު ދިނީ ރެއާލް މެޑްރިޑުގެ ޒިނެދިން ޒިދާން އަށެވެ. ގައުމީ ކޯޗުގެ އެއް ވަނަ ހޮވުމަކީ އެވޯޑް ކާމިޔާބުކުރި ލެސްޓާ ސިޓީގެ ކްލައުޑިއޯ ރަނިއޭރީ އެވެ. ދެ ވަނަ ވޯޓް ލިވަޕޫލުގެ ޔާގަން ކްލޮޕަށް ދިންއިރު، ތިން ވަނަ ވޯޓު ދިނީ ޒިދާނަށެވެ.
ފީފާ ބެސްޓް އެވޯޑް ހޮވާފައިވަނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންނާއި ނޫސްވެރިން އަދި ސަޕޯޓަރުންގެ ވޯޓުންނެވެ. ކޮންމެ ބަޔަކުން ވެސް ނެގީ 25 ޕަސެންޓެވެ.
އެންމެ ތަފާތު ވޯޓުތަކަށް ބަލާއިރު ޖަޕާންގެ ކެޕްޓަން ހަސޭބޭ މަކޯޓޯގެ ގަދަ ތިނެއްގައި ރޮނާލްޑޯ ނުހިމެނެ އެވެ. އޭނާ ވޯޓު ދިނީ ލުއިސް ސުއަރޭޒާއި އެންޓޮއިން ގްރީޒްމަން އަދި މެސީ އަށެވެ. ޖޯޑަން އާއި ބަލްގޭރިއާގެ ކެޕްޓަނުން ވޯޓު ދިނީ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ބުފޮން އަށެވެ.
ނިއު ޒީލެންޑްގެ ކެޕްޓަންގެ އެއް ވަނަ ވޯޓު ދިނީ ކެވިން ޑިބްރޭނާ އަށެވެ. ފަލަސްތީނުގެ ކެޕްޓަންގެ ވޯޓު ލެސްޓާ ސިޓީގެ ރިޔާދު މާރޭޒަށް ދިންއިރު، ޗައިނީސް ޓައިޕޭގެ ކެޕްޓަން ދިނީ ޖޭމީ ވާޑީ އަށެވެ. އަދި ޖާމަނީގެ ކެޕްޓަން މެނުއަލް ނޯޔާ އާއި އެ ޓީމުގެ ކޯޗު ޔަކީމް ލޯގެ ވޯޓު ދިނީ ޓޮނީ ކްރޫސް އަށެވެ.
ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވޯޓް ދިނީ ރޮނާލްޑޯ އާއި މެސީ އަދި އަންދްރޭ އިނިއެސްޓާ އަށެވެ. ރޮނާލްޑޯ އާއި ސުއަރޭޒް އަދި ވާޑީ އަށް އިންގްލެންޑުގެ ކެޕްޓަން ވޭން ރޫނީ ވޯޓް ދިން އިރު އިޓަލީގެ ކެޕްޓަން ބުފޮން ވޯޓް ދިނީ މެސީ އާއި ބޭލް އަދި ރޮނާލްޑޯ އަށެވެ.
އެވޯޑް ހޯދި ރޮނާލްޑޯ ޕޯޗުގަލްގެ ކެޕްޓަންގެ ހައިސިއްޔަތުން ވޯޓް ދިނީ ބޭލް އާއި ލޫކާ މޮޑްރިޗް އަދި ސާޖިއޯ ރާމޯސް އަށެވެ. އާޖެންޓީނާ ކެޕްޓަން މެސީ ވޯޓް ދިނީ ސުއަރޭޒާއި ނޭމާ އަދި އިނިއެސްޓާ އަށެވެ.