30 އޮކްޓޯބަރ 2022 - 09:52

މިދިޔަ އަހަރު ގައުމީ ބިލިއާޑް މުބާރާތުގައި ކުރިމަތިވި ނާކާމިޔާބު ހަނދާން ނައްތާލާފައިވާ ކަމަށާއި މިފަހަރުގެ އަމާޒަކީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުން ބިލިއާޑްގެ ތަރި ހަސަން ޝާޒް މުހައްމަދު ބުނެފި އެވެ.
މިދިޔަ އަހަރު ގައުމީ މުބާރާތުގައި ޝާޒް ބަލިވީ ސެމީ ފައިނަލުންނެވެ. އެ މެޗުން ބަލިވުމުން އިސް ދަށަށް ޖަހާލައިގެން އޭނާ ބިލިއާޑް ހޯލުން ނުކުތީ އެވެ.
"އެހާ ބޮޑަށް އެ ވާހަކަ ދައްކާކަށް ވެސް މިހާރު ބޭނުމެއް ނޫން. މިހާރު ހުރީހާ ފޯކަސްއެއް މިހުރީ ގައުމީ ޗެމްޕިއަންކަން ހޯދުމަށް،" މި އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޝާޒް ބުންޏެވެ.
މިވަގަތު ރާއްޖޭގެ ގައުމީ ރޭންކިންގެ އެއްވަނައިގައި އޮތް މުހައްމަދު ޝަރީފްގެ ދައުވަތަކަށް ގަލޮޅު ޔޫތު ސެންޓަރުން ބިލިއާޑްގެ ތެރެއަށް ވަން ޝާޒް ބުނީ ރޭންކިންގައި މިވަގުތު އޮތް މަގާމަކާ މެދު ނުވިސްނާ ކަމަށެވެ. ގައުމީ ރޭންކިންގައި ޝާޒް މިވަގުތު އޮތީ ތިން ވަނައިގަ އެވެ.
ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދިޔަސް ގައުމީ ރޭންކިން އަންނާނެ ބަދަލެއް ނެތެވެ. ގައުމީ ރޭންކިން އަށް ބަދަލު އަންނާނީ ކޮންމެ އަހަރަކު ތިން ފަހަރު ކުޅޭ ރޭންކިން މުބާރާތުތުންނެވެ.
"ގައުމީ ރޭންކިންގައި ކުރިން އޮތް މަގާމަށް [އެއްވަނަ އަށް] ދިއުމަކީ ޓާގެޓެއް. އެކަމަކު މިވަގުތަށް އަޅުގަނޑަށް އެންމެ މުހިންމު ކަމަކަށް މިއޮތީ ގައުމީ މުބާރާތް ކާމިޔާބު ކުރުން. ހާއްސަކޮށް މިދިޔަ އަހަރު ސެމީ ފައިނަލުން ކަޓައިގެން ދިޔައީމަ ވެސް ހިތައް އެރި މި އަހަރު ތައްޓަށް އަމާޒުކޮށްގެންނޭ މަސައްކަތް ކުރާނީ،" ކުރިން ރޭންކިންގެ އެއްވަނައިގައި ވެސް ގިނަ އަހަރުތަކެއް ވަންދެން އޮތް ޝާޒް ބުންޏެވެ.
ވިލާ އެއާގައި މަސައްކަތް ކުރަމުން އަންނަ ޝާޒް ބުނީ ގައުމީ މުބާރާތަށް ހާއްސަކޮށް ވަކި ހާއްސަ ޓްރޭނިންތަކެއް އޭނާ ކުރިއަށް ނުގެންދާ ކަމަށެވެ.
"މުބާރާތަކަށޭ ކިޔާފައި ވަކިން ޓްރޭނިންތަކެއް ނުގެންދަން. އަބަދު ވެސް ޓްރޭނިންތަކުގައި މި އުޅެވެނީ،" ގދ. ހޯޑެއްދު އަށް އުފަން ޝާޒް ބުންޏެވެ.
"މިހާރު" އާ ވާހަކަ ދެއްކި ބައެއް އެހެން ކުޅުންތެރިން ވެސް ބުނީ މިދިޔަ އަހަރަށް ވުރެ ގައުމީ މުބާރާތުގެ ވާދަވެރިކަން މި އަހަރު ބޮޑު ކަމަށެވެ.
ގައުމީ މުބާރާތް ފަށާނީ ނޮވެމްބަރު 3 ގަ އެވެ. މުބާރާތުގެ އޮންލައިން މީޑީއާ ޕާޓްނަރަކީ "މިހާރު" އެވެ. ޓައިޓަލް ސްޕޮންސާ އަކީ "ލިޓަސް" އެވެ.