30 އޮކްޓޯބަރ 2022 - 07:32

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މޮރިޝަސްއާ އެކު އަބަދުވެސް ވާހަކަ ދެއްކެވީ ޗާގޯސްގެ ރަށްތައް ބެހުމާ މެދުގައި ކަމަށް އެ މަނިކުފާނު އިއްޔެ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ނިންމާފައި ވަނީ، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމާ އެއްކޮޅަށް އދ. ގައި ވޯޓު ދިނުމަށެވެ. އަދި، އިމުގެ މައްސަލައިގައި ރާއްޖެއާ ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ނިންމީ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެކަމަކު، ރާއްޖެ އިން ވިސްނުން ބަދަލުކުރީ ޗާގޮސްގެ މިނިވަންކަމާ މެދުގައި ކަަމަށާއި އިމުގެ މައްސަލާގައި ނޫން ކަމަށް އޭޖީ އޮފީހުން ވެސް ވަނީ ބުނެފަ އެވެ.
ނަޝީދު ރޭ ޓްވިޓާގައި ހިއްސާކުރެއްވި ލިޔުމެއްގައި ވިދާޅުވީ މޮރިޝަސްއާ އަބަދުވެސް ދެކެވުނު ވާހަކައަކީ ޗާގޮސް ރިޖްގެ ރަށްތައް ބަހާ ވާހަކަ ކަމަށެވެ.
ފޯޅަވަހީގެ ސިޔާދަތީ ބާރު އިނގިރޭސިން ދޫކޮށްލާ އިރެއްގައި އެ ރަށުގެ ސިޔާދަތީ ބާރު އެނބުރޭނީ އެ ރަށުގެ އަހުލުވެރިންނަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ފޯޅަވަހީގައި ބަޔަކު ނެތް ކަމަށާއި މީހުން ތިބީ ޑިއޭގޯ ގާސިއާ އަތޮޅުގައި ކަމަށެވެ.
އެހެންކަމުން ފޯޅަވަހިން އިނގިރޭސިން ފައިބާއިރު ޑިއޭގޯ ގާސިއާ އަދި އެހެނިހެން ބައެއް އަތޮޅުތަކުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ފުރޮޅުނުނަމަ ވެސް ފޯޅަވަހީގެ ސިޔާދަތީ ބާރު އެންމެ ހައްގީ ދިވެހިންނަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ފޯޅަވަހި ނަމާއި ރަށްތައް އުފެދިފައިވާ ގޮތަށް ބެލި ނަމަވެސް އެއީ ރާއްޖޭގެ ރަށެއް ކަމަށާއި އެގޮތުން ނަން ވައްތަރީ ވެސް ފުވައްމުލަކާ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.
"ނަމުގައި އެއްގޮތް ކަމެއް ހިފެހެއްޓިފައި އެ ވަނީ އެހެން އެތައް ކަމެއްވެސް އެއްގޮތް ކަންކަން ހުރުމުންނެވެ. ގުދުރަތީގޮތުން ދެ ރަށް އުފެދިފައިވާ ގޮތުގެ އެއްގޮތް ކަމަށް ވެދާނެ އެވެ. ކަނޑުދަތުރުގައި ވައިޖެހޭ މިސްރާބާއި އެއްގޮތްތައް ވެސް ވެދާނެ އެވެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
އިޓްލޮސް އަށް ޑިސެމްބަރު 18، 2019 ގައި މައްސަލަ ހުށަހެޅީ، މޮރިޝަސް އާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ. ރާއްޖެ އިން ބުނެފައިވަނީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ މޮރިޝަސް އަށް ކަމަށް އެ މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުވީ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އަދި އެކަން ސާފުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި މިދިޔަ ހަފްތާގައި ވަނީ އެކަމުގައި ބަހުސްކޮށްފަ އެވެ.
އެ ބަހުސްގައި ނަޝީދު ހިމެނޭ ގޮތަށް އެޕާޓީއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެެވެ. އެކަަމަކު ސަރުކާރުން ބުނެފައި ވަނީ އެ ސްޓޭންޑް ބަދަލުނުކުރާ ކަމަށެވެ.