29 އޮކްޓޯބަރ 2022 - 19:03

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަންނަ ހޯމަ ދުވަހު ރާއްޖެއިން ބޭރަށް ފޮނުވުމުގެ ކުރިން އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމާ މެދު ގޮތެއް ނިންމަން ސިވިލް ކޯޓުން ހަމަޖައްސައިފި އެވެ.

ޑްރަގް މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ހަފުތާގައި ގދ. ހޯނޑެއްދޫން ރަޝީދު ހައްޔަރުކޮށްފައި ވަނިކޮށް އޭނާގެ މެޔަށް ތަދެއް އަރައިގެން މަރުވުމުން އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ތަހުގީގު ދަނީ ހިންގަމުންނެވެ. އެކަމާ ގުޅިގެން އޭނާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފުލުހުން ނިންމާފައި ވިޔަސް، އާއިލާއިން އެކަމާ ދެކޮޅެވެ.

ރަޝީދުގެ ހަށިގަނޑު ހޯދަން އާއިލާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވައިފަ އެވެ.
އެ އަޑުއެހުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން، ރަޝީދުގެ އާއިލާގެ ވަކީލުން ވިދާޅުވީ އަންނަ ހޯމަ ދުވަހު ރަޝީދުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާ ކަމަށެވެ. އެކަން ކުރިއަކުން ފުލުހުން އާއިލާއަށް އަންގާފައިނުވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
"ފަނޑިޔާރު ވީއެންމެ އަވަސް ފުރުސަތެއްގައި އަޅުގަނޑުމެން އެދިފައިވާ ގޮތަށް އަދި އަޅުގަނޑުމެން ދެއްކި ވާހަކަތަކާއި ތަދައްޚުލްވި ޕީޖީ އާއި ޖަވާބުދާރީވި އޭޖީގެ ފަރާތުން ދެއްކި ވާހަކަތަކަށް ބަލާފައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވީ،" ވަކީލުން ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވީ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ބޭނުންވަނީ ޖިނާއީ ބޮޑު އެހެން މައްސަލައަކާ ގުޅުވައިގެން ކަމަށެވެ. އެކަމަކު އެހެން މައްސަލައަކާ ގުޅުވައިގެން ޕޯސްޓްމޯޓަމް ނެހެދޭނެ ކަމަށާއި ވަކީލުން ވިދާޅުވި އެވެ.
ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.