ޝާހިދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ޝާހިދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

އދ.ގެ ރައީސްކަމުގެ ދައުރު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމަވާލެއްވުމަށް ފަހު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ޝާހިދު ރާއްޖެ ވަޑައިގަތީ މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު ޝާހިދު މިފަހަރު އިނގިރޭސިވިލާތަށް ވަޑައިގަތީ ފަސް ދުވަހަށެވެ. ރަސްމީ އެ ދަތުރުގައި، އެ ގައުމުގެ އާ ސަރުކާރުގެ އިސް ވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޝާހިދުގެ މިދަތުރުގައި ރަސްމީ އެހެން ބައްދަލުވުންތައް ވެސް ބާއްވަވާނެ އެވެ. އޭގެތެރޭގައި އިނގިރޭސި ސަރުކާރުން ރާއްޖެ ހިމެނޭ ސަރަހައްދުގެ ކަންކަން ބެލުމަށް ކަނޑައަޅާފައި ހުންނަވާ އެންމެ އިސް މަންދޫބުގެ އިތުރުން ޖިންސީ އަނިޔާތައް ހުއްޓުވުމަށް އިނގިރޭސި ބޮޑުވަޒީރު ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބާ ވެސް ބައްދަލުކުރައްވާނެ އެވެ.

މި ދަތުރުގައި "ފިއުޗާ އޮފް މަލްޓިލަޓްރެލިޒަމް" އާ ބެހޭގޮތުން ތަގުރީރެއް ދެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ދަތުރު ނިންމަވާލައްވައި އެނބުރި ރާއްޖެ ވަަޑައިގަންނަވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.