ހިތްހަމަ ނުޖެހުނަސް ކުޅުން ބަދަލެއް ނުކުރެވޭނެ: އެންޓޮނީ
ހިތްހަމަ ނުޖެހުނަސް ކުޅުން ބަދަލެއް ނުކުރެވޭނެ: އެންޓޮނީ

މެންޗެސްޓާ (އޮކްޓޫބަރު 29) - މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަންގައި ގެނައި ބްރެޒިލްގެ ވިންގާ އެންޓޯނިއޯ، މެޗުތަކުގައި އޭނާ ދައްކާ ޗަރުކޭސްތަކަށް ފާޑުކިޔުން އަމާޒު ވިއަސް އެކަން ހުއްޓާ ނުލާނެ ކަމަށް އޭނާ ބުނެފި އެވެ.

ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ބުރާސްފަތި ދުވަހުގެ ރޭ ޝެރިފް ޓްރާންސިޕޯލް އަތުން 3-0 އިން މޮޅުވި މެޗުގައި އުމުރުން 22 އަހަރުގެ އެންޓޮނީ ވަނީ އޭނާގެ ސިގްނޭޗާ މޫވް އެއް ކަމަށްވާ "720 ޑިގްރީ ސްޕިން" އެއް އަޅައިފަ އެވެ.

އޭނާއަށް އަމާޒުވި ފާޑުކިޔުންތަކާ އެކު ޓީމުގެ ކޯޗު އެރިކް ޓެން ހަގް ވަނީ، ބޭނުން ނެތް ވަގުތުތަކުގައި އެންޓޮނީގެ އެ ޗަރުކޭސް ދައްކާ ނަމަ އެކަން ރަނގަޅު ކުރުވާނެ ކަމަށެވެ. އެހެން ނަމަވެސް އިއްޔެ އެންޓޮނީގެ ސޯޝަލް މީޑިއާގައި ހާމަކުރި ސްޓޯތީ ޕޯސްޓެއްގައި ބުނެފައި ވަނީ، މި ކަން ނުހުއްޓާނެ ކަމަށެވެ.

"އަހަރެމެން މަޝްހޫރު ވެފައި ވަނީ އަހަރެމެންގެ ފަންނުވެރިކަމަށް، އަދި އަހަރެމް މިހާހިސާބަށް ގެނެސްދިން ކަންކަން ކުރުން ހުއްޓައެއް ނުލާނަން،" ޓްރާންސިޕޯލާ ދެކޮޅަށް ކުޅުނު މެޗުގެ ވީޑިއޯ ކޮޅަކާ އެކު ޕޯޗުގީޒް ބަހުން އޭނާގެ ސްޓޯރީގައި ލިޔެފައި ވެއެވެ.

އެ މެޗުގައި އެންޓޮނީގެ ވާތު ފައިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި އެޅި ސްޕިން އަށް ފަހު ކަސެމީރޯ އަށް ޖައްސާލި ތުރޫ ޕާސް ފުރިހަމައެއް ނުވި އެވެ. ކަސެމީރޯ އަށް ބޯޅަ ލިބުމުގެ ކުރިން ވަނީ ޓްރާންސިޕޯލްގެ ގޯލް ކިކަކަށް ބޭރު ވެފަ އެވެ.

މެޗުގެ ދެވަނަ ހާފު ޓެން ހަގް ފެށީ އެންޓޮނީގެ ބަދަލުގައި މާކަސް ރަޝްފޯޑް ކުޅެން އަރުވައިގެންނެވެ. ނަމަވެސް ޓެން ހަގް ބުނެފައި ވަނީ، އެންޓޮނީ ބަދަލުކުރީ އެ ސަބަބާ ހުރެ ނޫން ކަމަށެވެ.

"ކިތަންމެ ވަރަކަށް ޓްރިކް ހެދިއަސް އަހަރެންގެ މައްސަލައެއް ނެތް، އެކަމުން ފައިދާ ކުރާ ނަމަ. އަހަރެން އޭނާގެ ފަރާތުން އެއަށް ވުރެ ބޮޑެތި ކަންކަމަށް އުންމީދު ކުރެވޭ،" އަޔެކްސް ގައި ވެސް އެންޓޮނީ އަށް ކޯޗު ކޮށްދިން ޓެން ހަގް ބުންޏެވެ.

"އެކަހަލަ ޓްރިކެއް ހަދާއިރު، އޭގެ ބޭނުން ހިފި، އެ ބޯޅަ ނުގެއްލޭ ނަމަ އެއްވެސް މައްސަލައެއް ނެތް، އެކަމަކު އެއީ ޓްރިކެއްގެ ސަބަބުން އަންނަ ޓްރިކެއް ނަމަ އަހަރެން އޭނާ ރަނގަޅު ކުރާނަން."