29 އޮކްޓޯބަރ 2022 - 06:39

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ވަރުން ދާވަން އާއި ކްރިތީ ސަނޮން އެކުގައި ކުޅޭ ފިލްމު، "ބޭޅިޔާ" ގެ ލަވައެއްގައި ޝްރައްދާ ކަޕޫރުގެ ހާއްސަ ފެނިލުމެއް ދައްކާލައިފި އެވެ.
"ތުކްކެޝްވަރީ" ގެ ނަން ދީފައިވާ އެ ލަވައަކީ އަމީތާބު ބަޓާޗަރްޔާ ލިޔެ ސަޗިން-ޖިގަރު އާއި ރަޝްމީތު ކޯރް އަދި އަޝް ކިންގް ކިޔާފައިވާ ލަވައެކެވެ.
ލަވައިގެ މެދަކާ ހިސާބުން ޝްރައްދާގެ ފެނިލުމެއް ފެނިގެންދާއިރު ޝްރައްދާ ފެންނަނީ ނަށަމުން ގޮސް އޭނާ ކުޅެފައިވާ "ސްތްރީ" ފިލްމުގައި ލިބިފައިވާ ކަހަލަ ބާރަކުން އޭނާގެ ބަދަލުގައި ކްރިތީއަށް ބަދަލުވާ މަންޒަރެވެ.
ނޮވެމްބަރު 25 ގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ތިން ވަނަ ބިރުވެރި މަޖާ ފިލްމެވެ. އޭނާ ވަނީ 2018 ގައި ސްތްރީ އާއި 2021 ގައި ރޫހީ ނަމަކަށް ކިޔާ ފިލްމެއް ބެލުންތެރިންނާ ހިސާބަށް ގެނެސްދީފަ އެވެ.
ފިލްމުގެ ޓްރެއިލާއަށް ބަލާއިރު މި ފިލްމުގައި ވަރުން ފެންނާނީ މުޅިން ތަފާތުކޮށެވެ. ވަރުން "ވުލްފް" އަކަށް ބަދަލުވުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންނާއި ޖަނަވާރުން ޝިކާރަ ކުރަން އޭނާ ބޭނުންވެގެން އުޅޭ މަންޒަރު ޓްރެއިލާ އިން ފެނެ އެވެ. ފިލްމުގައި ކްރިތީ ފެންނާނީ ޖަނަވާރުންގެ ޑޮކްޓަރެއްގެ ރޯލުންނެވެ.