28 އޮކްޓޯބަރ 2022 - 17:09

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދާ ގުޅިގެން ސަރުކާރުން ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ބުނެ، އެކަމުގައި މަޝްވަރާ ނުކުރާތީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޓަނޭޝަނަލް ޓްރައިބިއުލަން ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށް ގެންދާ އަޑުއެހުންތަކުގައި ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ރާއްޖެއިން ވޯޓު ދޭނެ ކަމަށް ހާމަކުރުމާ އެކު އިމުގެ މައްސަލާގައި ރާއްޖެއިން ސިޔާސަތު ބަދަލުކޮށް މޮރިޝަސް އަށް ރާއްޖެއިން ބައެއް ދޫކޮށްލަން ނިންމި ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެެވެ.
އެކަމަކު ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށާއި މިއީ މުޅިން ތަފާތު ދެ މައްސަލައެއް ކަމަށް ސަރުކާރުން ބުނެފައިވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރާނެ ގޮތަށް ދިވެހިންގެ ބާރުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެ ޕާޓީއެއް އެއް މަގުސަދު ކަމަށެވެ.
އެއިން އެއްވެސް ކަމަކަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް އެ ޕާޓީން ތާއީދުނުކުރާނެ ކަމަށް ބަޔާނުގައިވެ އެވެ.
އެމްއާރުއެމުން ބުނީ ރާއްޖެއަކީ ގައުމުތައް އަޅުވެތިކުރުމާ ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ގައުމެއް ކަމަށާއި އެ ސިޔާސަތަކީ ހަމައެކަނި މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެހެންވެ މޮރިޝަސް އިން ބޭނުންވާ ގޮތަށް ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުންދިޔަ ސަބަބަކީ އިނގިރޭސިވިލާތުގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު ޗާގޮސް އަކީ މޮރިޝަސްގެ ބަޔަކަށްނުވާތީ އާއި އެތަން މޮރިޝަސްގެ ދަށަށް ހިނގައްޖެ ނަމަ، ރާއްޖޭގެ އިގްތިސޯދީ ސަރަަހައްދު ކުޑަވެ، އިގްތިސޯދުން ރާއްޖެއަށް ލިބިގެންވާ ގުދުރަތީ ވަސީލަތްތައް ވެސް އުނިކަން ލިބޭނެތީ ކަމަށެވެ.
އެ ޕާޓީން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގޮތުގައި ލިބިފައިވާއިރު އެ ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަށް މީގެ ކުރިން ދައުލަތުން އެއްވެސް އެއްބަސްވުމެއް ހަދާފައިނުވާ ކަމަށެވެ.
"އެކަން އެގޮތަށް އޮތްއިރު 2019 ގައި މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތުމާ އެކު ދެކޮޅަށް ވޯޓު ދިނުމަށް ފަހު، އެ ސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައިނެތުމުން އޭގެ އަޑީގައި ކަންތައްތަކެއް ވާނެ ކަމަށް ރައްޔިތުން ދެކޭތީ ކަންހިނގާދިޔަ ގޮތް ހާމަކުރުން މުހިއްމުކަމަށް އެމްއާރުއެމުން ދެކެމެވެ،" ބަޔާނުގައިވެ އެވެ.
ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއް ކަމަށް އައިސީޖޭ އިން ދ. އަށް ލަފާ ދިނުމަށް ފަހު 2019 ގައި އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ ދެކޮޅަށް ވޯޓުދީފައި މިހާރު ކުއްލިއަކަށް ސިޔާސަތު ބަދަލުކުރަން ނިންމީ އެ ޕާޓީއަށް ވެސް އެއްވެސް މައުލޫމާތު ސަރުކާރުން ހިއްސާ ނުކޮށް ކަމަށް ބުންޏެވެ.
އެ މައްސަލައަކީ މަސްވެރިންގެ މަސްލަހަތު އިންތިހާއަށް އޮތް މައްސަލަައަކަށްވާތީ އެ މައްސަލާގައި ސަރުކާރުގެ ނިންމުން މަޖިލީހަށް ހުށަހަޅައި އެކަމުގައި މަޖިލީހުގެ ބަހެއް ހޯދާފައިނުވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ޕާޓީގެ ބަޔާނުގައިވެ އެވެ.
އެމްއާރުއެމުން ވަނީ ރާއްޖޭގެ ފަރާތުން ބައިނަލްއަގްވާމީ ފަރާތްތަކާ އެކު ވަކާލާތުކުރުމުގައި ކަމުގެ ފަންނީ މާހިރުން ދިވެހިންގެ ތެރޭގައި ތިބިއިރު ވެސް އޭގެ ތެރެއިން ގިނަ ބޭފުޅުންގެ ލަފާ އާއި މަޝްވަރާ ހޯދާފައިނުވާތީ ހިތާމަކުރާ ކަމަށް ވެސް ބުނެފަ އެެވެ.
އެހެންވެ، އެކަމުގެ ސައްހަ މައުލޫމާތު ވީއެންމެ އަވަހަށް ހިއްސާކުރުމަށް ވެސް އެ ޕާޓީން ގޮވާލަ އެވެ. އަދި ރާއްޖޭގެ ސިޔާދަތީ ހައްގަށް އުނިކަމެއް ލިބޭ ނިންމުމެއް ނިންމާފައިވާ ނަމަ، އެ ނިންމުން ބަދަލުކުރުމަށް ވެސް ގޮވާލި އެވެ.
ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުވީ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އަދި އެކަން ސާފުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި މިދިޔަ ހަފްތާގައި ވަނީ އެކަމުގައި ބަހުސްކޮށްފަ އެވެ.
އެބަހުސްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް އެޕާޓީއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެެވެ. އެކަަމަކު ސަރުކާރުން ބުނެފައި ވަނީ އެ ސްޓޭންޑް ބަދަލުނުކުރާ ކަމަށެވެ.