ހޯނޑެއްދޫ ވަލުތެރޭގައި ގިނަ އަދަދެއްގެ ޑްރަގް ވަޅުލާފައި ހުއްޓާ ހޯދައިފިން: ޕޮލިސް
ހޯނޑެއްދޫ ވަލުތެރޭގައި ގިނަ އަދަދެއްގެ ޑްރަގް ވަޅުލާފައި ހުއްޓާ ހޯދައިފިން: ޕޮލިސް

ފުލުހުން ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަނެއްގައި ގދ. ހޯނޑެއްދޫ ވަލުތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ހޯދައިފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ގުޅިގެން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ހޯނޑެއްދޫ ވަލުތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ހޯދާފައިވާ ކަމަށެވެ. އެކަމަކު ފެނިފައި ވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި އެއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

އެ މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުން އަންނައިރު އެ އޮޕަރޭޝަނުގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހޯނޑެއްދޫ ވަލުގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނުނުއިރު މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ވަނީ ހޯނޑެއްދޫން ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ކުއްލި ގޮތަކަށް މަރުވެ، ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ ކުރިމަތިވެފަ އެވެ.