28 އޮކްޓޯބަރ 2022 - 07:45

ޕްރިމިއާ ލީގުގެ އާސެނަލްގެ ލޯނެއްގެ ދަށުން އިޓާލިއަން ލީގުގެ މޮންޒާ އަށް ކުޅޭ ޕަބްލޯ މަރީ އަށް އިޓަލީގެ ޝޮޕިން މޯލެއްގައި ވަޅިން ހަމަލާދީފި އެވެ.
މި ހާދިސާގައި ވަޅީގެ ހަމަލާ އަމާޒުވި މޯލްގެ މުވައްޒަފަކު ވަނީ މަރުވެފަ އެވެ. އެކަމަކު މަރީ އާއި ހަމަލާ އަމާޒުވި އަނެއް ތިން މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މިލާނުގެ ރަށްބޭރުގައި ހުރި މޯލެއްގައި މި ހަމަލާ ދިނީ ނަފުސާނީ މައްސަލަ ހުންނަ އުމުރުން 46 އަހަރުގެ އިޓަލީ މީހެކެވެ. މޯލްގައި ހުރި ފިހާރައެއްގައި އޮތް ވަޅިއެއް ނަގައިގެން އޭނާ ވަކި މީހެއް ނުބަލާ ވަޅިން ހަމަލާ ދެމުން ދިޔައީ އެވެ.
މި ހަމަލާއާ ޓެރަރިޒަމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މަރީ މި ވަގުތު އަންނަނީ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ. އޭނާ ހުރީ ވާހަކަދެއްކޭ ހާލަތުގަ އެވެ.
އާސެނަލުން ކުރި ޓްވީޓެއްގައި ބުނީ ކްލަބް އޮތީ މަރީ އާއި ހަމަލާ އަމާޒުވި އެންމެންނާ އެކުގައި ކަމަށެވެ.
މޮންޒާ އަކީ އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީގެ ކްލަބެކެވެ. މި އަހަރު އަލަށް އިޓަލީގެ މަތީ ޑިވިޝަނުގައި ވާދަކުރާ ކްލަބުން ވަނީ މަޝްހޫރު ބައެއް ކުޅުންތެރިން ގެނެސްފަ އެވެ.
ސްޕެއިނަށް އުފަން އުމުރުން 29 އަހަރުގެ މަރީ ލޯން އުސޫލުން މިދިޔަ ސީޒަނުގައި ކުޅުނީ އިޓަލީގެ އުޑިނޭޒީ އަށެވެ. އޭގެ ކުރިން އޭނާ ވަނީ ސްޕެއިނުގެ މަޔޯކާ އާއި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އަދި ބްރެޒިލްގެ ފްލެމިންގޯ އަށް ކުޅެފަ އެވެ.