27 އޮކްޓޯބަރ 2022 - 17:57

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހުރިހާ ގައުމަކުން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށާއި ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން އީޔޫއިން ނަގާ ޑިއުޓީ ކަނޑާލަން ރާއްޖެއިން އެ ޖަމާއަތުގައި އެދިއްޖެ އެވެ.
އީޔޫގެ ހުރިހާ ގައުމަކަށް ދަތުރުކުރަން ދޫކުރާ އޮންއެރައިވަލް ވިސާ ކަމަށްވާ ޝެންގަން ވިސާ ދިވެހިންނަކަށް ނުލިބެ އެވެ. އަދި ރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ނަގާތީ އެ ޑިއުޓީ ކަނޑާލަން ރާއްޖެއިން އަބަދުވެސް އެދެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އީޔޫގެ އިސް އޮފިޝަލުންނާ އެކު މި ހަފުތާގައި ރާއްޖެއިން ބޭއްވި ބައްދަލުވުމުގައި، ދިވެހިންނަށް އީޔޫއިން ޝެންގަން ވިސާ ދިނުމަށާއި އަދި މަހުން ނަގާ ޑިއުޓީ ކަނޑާލަން އެދިފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި އެކި ދާއިރާތަކުން އީޔޫއާ އެކު ގުޅުން ބަދަހިކުރަން ވެސް މަޝްވަރާކުރި އެވެ.
އީޔޫއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދުނުއިރު، ދިވެހިންނަށް މިހާރު ވެސް ގިނަ ގައުމުތަކުން އޮންއެރައިވަލް ވިސާ ދެ އެވެ. އެހެންވެ، ރާއްޖެއަކީ ދެކުނު އޭޝިއާގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ ދަރަޖަ ޖެހިޖެހިގެން ކޮންމެ އަހަރަކު ދަމަހައްޓަމުން އަންނަ ގައުމެވެ.