ވޯލްޑް ކަޕާ ދިމާކޮށް ސައުދީ-ގަތަރު ގުޅުވާލަނީ
ވޯލްޑް ކަޕާ ދިމާކޮށް ސައުދީ-ގަތަރު ގުޅުވާލަނީ

އަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ސައުދީ އަރަބިއްޔާ އަށް ދަތުރުކުރާ ސަޕޯޓަރުންނަށް ފަސޭހަކުރުމަށްޓަކައި ގަތަރާ ދެމެދު ހަފުތާއަކު 240 ފްލައިޓް ބާއްވައި އެއްގަމު ރޫޓުތައް ތަރައްގީކުރަން ސައުދީން ނިންމައިފަ އެވެ.

ކުޑަކުޑަ ގައުމެއް ކަމަށްވާ ގަތަރުގައި އެކަށީގެންވާ އަދަދަކަށް އެކޮމަޑޭޝަން ނެތުމާއި ހޮޓާތައް އަގުބޮޑުވުމުން ވަރަށް ގިނަ ސަޕޯޓަރުން ވަނީ މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ތިބެފައި ސީދާ މެޗަށް ގަތަރަށް ދިއުމަށް ނިންމައިފަ އެވެ.

ސައުދީގެ އިތުރުން ޔޫއޭއީ ފަދަ ގައުމުތަކުން ފަސޭހައިން އެކޮމަޑޭޝަން ލިބޭތީ މެންދުރުކުރިން ފްލައިޓުން ނުވަތަ އެއްގަމު މަގުން ގަތަރަށް ގޮސް މެޗު ބަލާފައި އެރޭ މެންދަމު އެނބުރި އަންނަން ސަޕޯޓަރުން ވަނީ ރާވައިފަ އެވެ.

ސައުދީން ވަނީ ވޯލްޑް ކަޕުގެ ޓިކެޓް ގަތުމުން ގަތަރުން ދޫކުރާ ފާސް އޮންނަ ކޮންމެ މީހަކަށް މަލްޓިޕަލް އެންޓްރީ ލިބޭ 60 ދުވަހުގެ ވިސާއެއް ދޭން ނިންމައިފަ އެވެ.

ސައުދީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަލް ޚަތީބު ވިދާޅުވީ އާއްމުކޮށް ހަފުތާއަކު ހަ ފަހަރު ބާއްވާ ފްލައިޓް ވޯލްޑް ކަޕުގެ ތެރެ 240 ފްލައިޓް އޮންނާނެ ކަމަށެވެ. މީގެ އިތުރުން އެއްގަމުމަގުން ދަތުރުކުރާ މީހުންނަށް ފަސޭހަކުރުމަށް ރިޔާޒާއި ސައުދީގެ އިރުމަތީ ހިސާބުތަކުން ގަތަރަށް ދާ އޮންނަ މަގުތަކުގައި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެގޮތުން ޕެޓްރޯލް ޝެޑުތައް އިތުރުކޮށް އިންޓަނެޓާއި ފަސްޓްއެއިޑުގެ ހިދުމަތް ލިބޭ ގޮތަށް އެ ރޫޓުތައް ތަރައްގީކުރާނެ އެވެ.

މީގެ ބޭނުމަކީ ވޯލްޑް ކަޕް މެދުވެރިކޮށް ސައުދީގެ ޓޫރިޒަމް ފުޅާކުރުމެވެ. ސައުދީން ޓޫރިސްޓުންނަށް ވިސާ ދޭން ފެށީ 2019 ގަ އެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން މެދުކެނޑުނެވެ. ވޯލްޑްކަޕާ އެކު ސައުދީ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ ގައުމުން ލަފާކުރެ އެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެ ގައުމަށް ގެންނަވާ އިސްލާހީ ބަދަލުތަކުގެ ތެރެއިން 2030 ގެ ނިޔަލަށް އަހަރަކު 30 މިލިއަން ޓޫރިސްޓުން ގެންނަން ވަނީ އަމާޒުހިފައިފަ އެވެ. ބޭނުމަކީ ތެލަށް ބަރޯސާވެފައިވާ އެ ގައުމުގެ އިގްތިސާދު ޑައިވާސިފައިކުރުމެވެ.