ޔަމަން ހަނގުރާމަ: ހާންތިވެފައިވާ ތުއްތު ކުދިން ގޮނޑު ހޮވަނީ
ޔަމަން ހަނގުރާމަ: ހާންތިވެފައިވާ ތުއްތު ކުދިން ގޮނޑު ހޮވަނީ

ހަނގުރާމަ ހިނގަމުންދާ ގައުމުތަކުގައި އެންމެ ފުރަތަމަ ހާލުގައި ޖެހޭ ބަޔަކީ ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުންނެވެ. ސީރިޔާ، އިރާގު އަދި ލީބިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ވެސް ހާލުގައި ޖެހިފައިވާ އާބާދީގައި އެންމެ ގިނައީ މި މީހުންނެވެ.

ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ވޭނެއް ތަހައްމަލް ކުރަމުންދާ ބަޔަކީ އެ ގައުމުގެ ކުޑަކުދިންނެވެ. ހަނގުރާމަ ފެށުނު އިރު ވެސް ފަގީރުކަމުގެ ހާލަތު ދަށުގައި އޮތް ޔަމަން، ހަނގުރާމައިގެ ސަބަބުން ވަނީ އެތައް ގުނައެއް އިތުރަށް ފަގީރުވެފަ އެވެ.

ނަތީޖާއެއްގެ ގޮތުން އެތައް ލައްކަ ކުޑަކުދިންނެއް މިހާރު ތިބީ ހައިހޫނުކަމާ ކުރިމަތިލާން ޖެހިފަ އެވެ. ހަނގުރާމައިގެ ސަބަބުން ހައިހޫނުކަން ކުރިމަތިވުމާ އެކު، ވައްކަން ކުރުމާއި ލޫޓުވުމާއި ފޭރުން އިތުރުވި އެވެ. ނަމަވެސް ހަނގުރާމަ ދިގުލައިގެން ގޮސްފައިވާ އިރު، ފިހާރައެއް ލޫޓުވައިގެން ވެސް ކާއެތިކޮޅެއް ލިބޭނެ ގޮތެއް ނެތެވެ.

އެހެންކަމުން ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި އެހެން ގޮތެއް ހޯދަން މިހާރު ވަނީ މަޖުބޫރުވެފަ އެވެ. އދ.ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޔަމަންގައި މިވަގުތު ވެސް 370،000 ކުޑަކުދިން ތިބީ ހައިހޫނުކަމާ ކުރިމަތިވެފަ އެވެ. ދެ މިލިއަނަށް ވުރެ ގިނަ ކުޑަކުދިން ތިބީ ކިޔަވަން ދެވޭނެ ގޮތެއް ނެތިފަ އެވެ.

ޔަމަންގެ ސަރުކާރާ ދެކޮޅަށް ހޫތީ ހަނގުރާމަވެރިން 2015 ގައި ފެށި ހަނގުރާމަ ފުޅާވެ ސަރުކާރުގެ ކޮންޓްރޯލް ގެއްލިފައިވާ އިރު، މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އާންމުންގެ 4،000 މީހުން ހިމެނެ އެވެ.

ހަނގުރާމައިގެ ސަބަބުން ދިރިއުޅުމުގެ އާންމު މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ. އެހެންކަމުން މަސްދުވަހުގެ ތެރޭގައި އެންމެ ރިޔާލެއް ނުލިބޭ ކިތަންމެ އާއިލާއެއް މިހާރު އެބަ އުޅެ އެވެ.

"ވަޒީފާ ގެއްލިފައިވާތާ އެތައް މަހެއް ވެއްޖެ. މަހަކު އެންމެ ރިޔާލެއް ވެސް މިހާރު ނުލިބެ. އަނބިދަރިންނަށް ކާންބޯން ދިނުމަށްޓަކައި ކޮންމެ ކަމެއް ކުރުމަށް ވެސް މިވަނީ މަޖުބޫރުވެފައި. ސަލާން ވެސް ޖަހަންޖެހޭ. ގިނަ ފަހަރު ކާ އެއްޗެއް ލިބެނީ ކުނިގޮނޑު ހޮވައިގެން،" ވެރިރަށް ސަންއާ ގައި އާއިލާގެ 10 މެމްބަރުންނާ އެކު ދިރިއުޅެމުން އަންނަ އަބްދުﷲ، ރޮއިޓާސް އަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު އަނބިދަރިންނަށް ކާންބޯންދެނީ ކޮންމެ ދުވަހަކު ގޮނޑަށް ގޮސް މީހުން އުކާލާފައި ހުންނަ ކާބޯ ތަކެތި ހޮވައިގެންނެވެ.

"އަހަރެން ވެސް ބޭނުން އަމާންކަމާ ސުލްހައިގައި ދިރިއުޅެން. އަހަރެންގެ ދަރިން ހައިހޫނުކަމުން ސަލާމަތްވެފައިވާ ތަން ދެކެން ބޭނުން. މީހުން ކައިރިން ސަލާން ނުޖަހައި ގޮނޑު ނުހޮވައި ކައިބޮއެ އުޅެވޭނެ ގޮތެއް ބޭނުން،" އަބްދުﷲ ބުންޏެވެ.

ޔަމަންގައި އަބްދުﷲ ފަދަ ކިތަންމެ ބެލެނިވެރިންނެއް ހެނދުނު އިރު އެރުމާ އެކު، ތުއްތު ކުދިން ގޮވައިގެން އެންމެ ފުރަތަމަ މިސްރާބު ޖަހަނީ ކުނިގޮނޑުތަކަށެވެ. މީހުން ކައިބޮއި އުކާލާފައި ހުންނަ ތަކެތި ހޮވައިގެން ވިޔަސް ބަނޑުފުރާނަ މުއްތިކޮށްގެން މެނުވީ ދިރި ނުތިބެވޭނެތީ އެވެ.

އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް އިން އަންދާޒާ ކުރާ ގޮތުގައި ޔަމަންގެ ގާތްގަނޑަކަށް 14 މިލިއަން މީހުންނަށް ރައްކާތެރި ކާބޯތަކެއްޗެއް ނުލިބެ އެވެ. އަދި އޭގެ ދެބައިކުޅަ އެއްބައި މީހުންނަކީ ވަރަށް ބޮޑަށް ހައިހޫނުކަން ކުރިމަތިވެފައިވާ މީހުންނެވެ.