އައިކެއާގެ "ލަވް ޔޯ އައިޒް" ކެމްޕެއިން މާދަމާ
އައިކެއާގެ "ލަވް ޔޯ އައިޒް" ކެމްޕެއިން މާދަމާ

ލޮލުގެ ސިއްހަތަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް ފާހަގަ ކުރާ ބައިނަލްއަގުވާމީ ލޮލުގެ ފެނުމުގެ ދުވަހަށް އައިކެއާއިން "ލަވް ޔޯ އައިޒް"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

އައިކެއާއިން ބުނީ އެ ކެމްޕެއިންގެ ދަށުން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން އާންމުންނަށް މައުލޫމާތު ދިނުމާއި، ޑޮކްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތާއި ލޮލުގެ ސްކްރީނިން އަދި އާއްމު ސިއްހަތު ސްކްރީން ކުރުން އެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ހަރަކާތްތައް އޮންނާނީ މާދަމާ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. އެ ހަރަކާތުގައި ލޮލުގެ ހާއްސަ ޑޮކްޓަރުން ވެސް ބައިވެރިވާނެ ކަމަށާއި، އެ ޑޮކްޓަރުންގެ ގާތުން ލަފާ ހޯދޭނެ ކަމަށް ވެސް އައިކެއާ އިން ބުންޏެވެ.

އައިކެއާއިން ބުނީ އެ ކެމްޕެއިންގެ ދަށުން ހާއްސަ ލަކީޑްރޯއެއް ވެސް ކުރިއަށް ދާނެ ކަމަށާއި، އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ލަކީޑްރޯއިން ހޮވޭ ތިން މީހަކަށް އައިކެއާ ހޮސްޕިޓަލުން ހިލޭ ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ގިފްޓް ވައުޗަރު ވެސް ލިބޭނެ ކަމަށް ބުންޏެވެ.

"ލަވް ޔޯ އައިޒް" ކެމްޕެއިންގެ ދަށުން އައިކެއާއިން ވަނީ ފޮޓޯ މުބާރާތެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ. އެ މުބާރާތުގައި ބައިވެރިވެވޭނީ އައިކެއާގެ ސޯޝަލް މީީޑިއާ އެކައުންޓުތައް ފޮލޯ ކުރުމަށް ފަހު، އެ ކެމްޕެއިނުގެ ހަރަކާތްތަކުގެ ފޮޓޯތައް އައިކެއާ ޓެގުކޮށް ޕޯސްޓު ކޮށްގެންނެވެ. އަދި އެ ފޮޓޯތައް ޕޯސްޓުކުރުމުގައި ބޭނުންވާ ފަރާތްތަކަށް "ލަވް ޔޯ އައިޒް" ހޭޝްޓެގު. ވެސް ބޭނުން ކުރެވޭނެ އެވެ.

އައިކެއާއިން ބުނީ ލަކީޑްރޯ އާއި ފޮޓޯ މުބާރާތު ވަނަތައް ހޮވުން އޮންނާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ. އައިކެއާގެ އަމާޒަކީ އެ ކެމްޕެއިން މެދުވެރިކޮށް އާންމުންގެ މެދުގައި ލޮލުގެ ސިއްހަތުގެ ހޭލުންތެރިކަން އިތުރުކޮށް އެ ހޮސްޕިޓަލުން ލިބެންހުރި ހިދުމަތްތައް އާންމުންނާއި ހިސާބަށް ފޯރުކޮށްދިނުމެވެ.