މަންޑޭ ކަމަށް ހެދިގެން އަންހެން ކުދިންނަށް ލަނޑުދެމުން ގޮސް އެންމެ ފަހުން ޖަލަށް
މަންޑޭ ކަމަށް ހެދިގެން އަންހެން ކުދިންނަށް ލަނޑުދެމުން ގޮސް އެންމެ ފަހުން ޖަލަށް

ބޮޑުބެރު ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) މަގުބޫލުކަން ހޯދީ 2010 ވަނަ އަހަރު ބޭއްވި ބޮޑުބެރު ޗެލެންޖުގައި ބައިވެރިވި ހަރުބީ ގްރޫޕުގެ ލީޑު ވޯކަލިސްޓުގެ ގޮތުގަ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒަމާނީ ބޮޑުބެރުގެ ރަސްގެފާނުގެ ތާޖު އެޅުވި، އެންމެނެން ދަންނަ މޫނަކަށްވި އެވެ.

މަންޑޭ ކަމަށް ހެދިގެން އަންހެން ކުދިންނަށް ލަނޑުދެމުން ގޮސް އެންމެ ފަހުން ޖަލަށް
މަންޑޭ ކަމަށް ހެދިގެން އަންހެން ކުދިންނަށް ލަނޑުދެމުން ގޮސް އެންމެ ފަހުން ޖަލަށް

އެކަމަކު މިދިޔަ އަންގާރަ ދުވަހު ހައި ކޯޓުން ކުރި ހުކުމަކުން އެނގުނު ގޮތުގައި މަންޑޭ އަށް ލިބުނު މަޝްހޫރުކަމާ އެކު 2017 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އިންޒާރުތަކާ ވެސް ކުރިމަތިވާން ފެށި އެވެ. މީހުން މަގުމަތިން ދިމާކޮށް އިންޒާރު ދިނުމާއި އެކި ފާޑުގެ ވާހަކަތައް އޭނާއާ ބެހޭ ގޮތުން ދައްކަން ފެށި ކަމަށް ބުނެފައިވެ އެވެ.

މަންޑޭ ކަމަށް ހެދިގެން އަންހެން ކުދިންނަށް ލަނޑުދެމުން ގޮސް އެންމެ ފަހުން ޖަލަށް
މަންޑޭ ކަމަށް ހެދިގެން އަންހެން ކުދިންނަށް ލަނޑުދެމުން ގޮސް އެންމެ ފަހުން ޖަލަށް

ދ. ކުޑަހުވަދޫ ކޯޓުން ސާބިތު ނުވި ދައުވާއެއް ހައި ކޯޓުގައި ބެލުމަށް ފަހު ކުރި މި ހުކުމުގައިވާ ގޮތުން މީހަކު މަންޑޭ ކަމަށް ދެއްކިގެން އޮޅުވާލައިގެން އުޅުނީ އެވެ. މަންޑޭގެ ނަމުގައި އެހެން މީހަކު ފޭސްބުކްގައި ފޭކް އައިޑީއެއް ހަދައިގެން އޮޅުވާލައިގެން އުޅޭކަން ފަޅާއަރައި އެ މައްސަލަ ފުލުހުންނާ ހިސާބަށް ދިޔައީ އެވެ.

މަންޑޭގެ ނަމުގައި އެކައުންޓެއް ހަދައިގެންން ހަޑިހުތުރު ބޭއަދަބީ ވާހަކަތައް ދައްކައި ބަރަހަނާ ފޮޓޯ ފޮނުވުން ކަހަލަ ކަންކަން އެ އެކައުންޓުން ވަނީ ކޮށްފަ އެވެ.

މަންޑޭއަށް ހެދިގެން މީހުންނާ ގުޅުން އުފައްދައި އެ މީސްމީހުންގެ ބަރަހަނާ ފޮޓޯތައް ހޯދައި ބްލެކްމެއިލް ކުރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ދ. ކުޑަހުވަދޫ ފެންގަސް، އަބްދޫﷲ ހައިޝަމް އެވެ. އޭނާގެ މައްޗަށް ކުރި ޝަހުސު އޮޅުވާލުމުގެ ދައުވާގައި ވަނީ އޭނާ މަންޑޭގެ ނަމުގައި ފޭސްބުކް އައިޑީއެއް ހަދައިގެން އެ އައިޑީއިން އަންހެން ކުދިންނާ ވާހަކަ ދައްކައި އެ ކުދިންނާ ލޯބީގެ ގޮތުން ގުޅި އެ ކުދިންގެ ބަރަހަނާ ފޮޓޯ އޭނާ ހޯދާފައިވާ ކަމަށެވެ. އަދި އެ ފޮޓޯތައް ހޯދައިގެން އެކުދިން ބްލެކްމެއިލް ކުރަމުން ދިޔަ ކަމަށް ތުހުުމަތުކުރެވިގެން ފުލުހުން އޭނާގެ ފޯނާއި ލެޕްޓޮޕް ބެލި އިރު އޮރިޔާން މަންޒަރު ފެންނަ ފޮޓޯ ފެނިފައިވާތީ އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެއް ވެސް ކުރި އެވެ.

އެ މައްސަލައިގައި އޮގަސްޓް 29، 2019 ގައި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމް ކުރީ ހައިޝަމްއާ ދެކޮޅަށް ހުށަހަޅާފައި ހުރި ހެއްކާއި ގަރީނާތަކަށް ބަލާއިރު އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް، ދައުލަތުން ވަނީ ކުޑަހުވަދޫ ކޯޓުގެ ނިންމުން ހައި ކޯޓަށް ގެންގޮސްފަ އެވެ. އިސްތިއުނާފު ކުރީ ހަމައެކަނި ޝަހުސު އޮޅުވާލުމުގެ ދައުވާއާ ގުޅޭ ނިންމުން އެކަންޏެވެ.

ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ، އެ މައްސަލައިގައި ދައުލަތުގެ ހެކީންގެ ހެކިބަސް ލިބިފައި ވިޔަސް، ކުށް ސާބިތުނުވާ ކަމަށް ކުޑަހުވަދޫ ކޯޓުން ކަނޑައަޅާފައި ވަނީ ގާނޫނޫ އަސާސީގެ 51 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެކަން ބަލައި ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމި ނިންމުމުގައި ފަނޑިޔާރުންގެ ރައުޔު ވެސް ތަފާތުވި އެވެ.

ހައި ކޯޓުން ފާހަގަ ކުރި ގޮތުގައި ޝަހުސު އޮޅުވާލުމުގެ ކުށާ ގުޅިގެން ދައުލަތުން ސާބިތުކޮށްދޭން ޖެހެނީ ދެ ކަމެކެވެ. އެއީ އެހެން މީހެއްގެ ގޮތުގައި ހައިޝަމް އެއްވެސް ފަރާތަކަށް ދެއްކި ކަމާއި، އެ އަމަލު ކުރީ އެކަމުން އެހެން މީހަކަށް ލިބިދާނެ ގެއްލުމަކަށް ފަރުވާ ނުބަހައްޓާ ކަމެވެ.

އެކަންކަން ސާބިތުކުރަން ދައުލަތުން އެންމެ މުހިންމު ހެއްކަކަށް ހުށަހެޅީ ތިން ސިއްރު ހެކިވެރިންނެވެ. އެއީ މަންޑޭގެ ނަމުގައި ހެދި ފޭކު އައިޑީއިން ރައްޓެހިވި ދެ އަންހެނަކާއި މަންޑޭގެ ރައްޓެއްސެކެވެ.

ސިއްރު ހެކިވެރިޔަކު ބުނެފައި ވަނީ މަންޑޭގެ ނަމުގައި ހަދާފައިވާ ފޭސްބުކް އައިޑީއަކުން އޭނާއަށް ފްރެންޑް ރިކުއެސްޓު ކުރުމުން ފޮޓޯތަކާއި ކޮމެންޓުތަކަށް ބަލާފައި އެއީ މަންޑޭކަމަށް ލަފާ ކުރެވިގެން ރިކުއެސްޓް އެކްސެޕްޓް ކުރި ކަމަށެވެ. އަދި އެފަހުން އެ އެކައުންޓުން ވާހަކަ ދައްކަނީ މަމްދޫހު ކަމަށް ބުނަމުން ދިޔަ ކަމަށާއި އެ ދެ މީހުން ވާހަކަ ދައްކަމުން ގޮސް ގާތް ގުޅުމެއް އުފެދި އެންމެ ފަހުން ލޯބީގެ ގުޅުމަށް ބަދަލުވި ކަމަށެވެ. ވާހަކަ ދައްކަނީ މަމްދޫހު ނޫންކަން އެނގުނީ މާ ފަހުން ކަމަށާއި އެކަން އެނގުނު ފަހުން ވެސް އޭނާއަށް އެނގޭކަން އެ މީހާއަށް ނާންގާ ކަމަށް އެ ހެކިވެރިޔާ ކިޔައިދިނެވެ.

ސިއްރު ހެކިވެރިޔާ ބުނީ އޭނާއާ ވާހަކަ ދައްކަމުން ދިޔަ އަސްލު ފަރާތުގެ ނަން އެނގުނީ ފަހުން ކަމަށާއި، ފޮޓޯ ވެސް ފެނިފައިވާ ކަމަށެވެ. އަދި ޝަރީއަތުގައި ހައިޝަމް ދައްކައި އެއީ އޭނާ ކަމަށް ވެސް ބުންޏެވެ.

ސިއްރު އެހެން ހެކިވެރިޔަކު ބުނެފައި ވަނީ މަންޑޭގެ ނަމުގައި ހަދައިގެން އުޅުނު އެކައުންޓާ އޭނާ މުއާމަލާތު ކުރީ މެސެންޖާ މެދުވެރިކޮށް ކަމަށާއި އެއިން ގުޅައިގެން ވެސް ވާހަކަ ދައްކާ ކަމަށެވެ. އޯޑިއޯ ކޯލްގައި އަޑު އިވިފައި ހުރުމުންނާއި ޕްރޮފައިލުން ފޮޓޯތައް ފެންނަން ހުރުމުން އެއީ މަމްދޫހު ކަމާ މެދު އޭރު ޝައްކު ނުކުރާ ކަމަށް އޭނާ ކިޔައިދިނެވެ. އަދި މަންޑޭގެ ނަމުގައި ހަދައިގެން އުޅުނު އެކައުންޓުން އޭނާގެ އަންހެނުން ހުންނަނީ ރާއްޖެއިން ބޭރުގައި ކިޔަވަން ކަމަށް ވެސް ބުނި ކަމަށް އެ ހެކިވެރިޔާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެއީ މަންޑޭ ނޫންކަން އެނގުނީ އެކަން ފުލުހުންގެ ތަހުގީގުން ކަމަށެވެ.

ތިން ވަނަ ސިއްރު ހެކިވެރިޔާ އަކީ މަންޑޭގެ ނަމުގައި ފޭކް އެކައުންޓެއް ހަދައިގެން އުޅޭކަން އެނގިގެން އެކަން ކޮށްގެން އުޅެނީ ކާކުތޯ ބަލަން މަސައްކަތް ކުރި މަންޑޭގެ ރައްޓެއްސެކެވެ. އެ ހެކިވެރިޔާ ބުނި ގޮތުގައި އެކަން ހިނގާކަން އެނގިގެން ފޭކު އައިޑީ އަށް އޭނާ ވެސް ފްރެންޑް ރިކުއެސްޓެއް ފޮނުވީ އެވެ. ދެ ދުވަހެއް ފަހުން އެ ރިކުއެސްޓް އެކްސެޕްޓުކޮށް އެ އައިޑީއިން އޭނާއާ ވާހަކަ ދައްކަމުން ދިޔައީ މަންޑޭއަށް ހެދިގެން ކަމަށް އެ ހެކިވެރިޔާ ވެސް ކިޔައިދިނެވެ.

އެ ހެކިވެރިޔާ އިތުރަށް ކިޔައިދިން ގޮތުގައި، އޭނާ ވައިބާއިން ވާހަކަ ދައްކަން އެދުމުން މަންޑޭއަށް ހެދިގެން އުޅުނު މީހާ ވައިބާއިން ވާހަކަ ނުދެއްކޭނެ ކަމަށާއި ވާހަކަ ދެއްކޭނީ ވީޗެޓް ނުވަތަ ސްނެޕްޗެޓުން ކަމަށް ބުނި ކަމަށެވެ. އެހެންވެ، ސްނެޕްޗެޓުން އޭނާ އެޑް ކުރި އިރު އޭގެ އައިޑީގައި ވެސް ނަމެއްގެ ގޮތުގައި އިނީ "އިބްރާހިމް މަމްދޫހު" ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި، އެ ދެ މީހުން ދެއްކި ވާހަކަތަކުގެ ސްކްރީންޝޮޓުތައް އޭނާ ވާނީ ފުލުހުންނާ ހިއްސާކޮށްފަ އެވެ.

އެ ހެކިވެރީންގެ އިތުރުން ހައިޝަމްގެ ފޯނާއި ޓެބްލެޓް ތަހުލީލު ކުރުމުގެ ތެރޭގައި ފުލުހުންނަށް ވަނީ މަންޑޭގެ ނަމުގައި އުފައްދާފައި ހުރި ފޭސްބުކް އެކައުންޓަކާއި އެ އެކައުންޓުގެ ބްރައުސާ އެކްޓިވިޓީ ލިބިފަ އެވެ. ފުލުހުން ކޯޓުގައި ބުނި ގޮތުގައި އެ އެކައުންޓުން އޭނާ އަށް މީހަކާ އެކު ވާހަކަ ދައްކާފައި ހުރި ޗެޓުލޮގު ވެސް ފެނުނެވެ. މަންޑޭއަށް ހެދިގެން އޭނާ ހޯދާފައި ހުރި ބަރަހަނާ ފޮޓޯތައް ވެސް ފެނުނެވެ.

ރައުޔު ތަފާތުވި މި މައްސަލައިގައި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން ޝަހީދަށް ފެނިވަޑައިގަތީ ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކުން ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށެވެ. ކުޑަހުވަދޫ ކޯޓުގެ ނިންމުމަށް އޭނާ ތާއީދު ކުރެއްވި އެވެ.

ޝަހީދުގެ ރައުޔުގައިވާ ގޮތުން:

• މަންޑޭ ކަމަށް ހެދިގެން ވާހަކަ ދެއްކީ ހައިޝަމް ކަމަށް ސިއްރު ހެކިވެރިޔާ 1 ބުނި ނަމަވެސް، މަންޑޭއަށް ހެދިގެން ވާހަކަ ދައްކަމުން ދިޔައީ ހައިޝަމްކަން އޭނާއަށް އެނގުނު ގޮތެއް ބުނެދީފައި ނުވޭ

• ސިއްރު ހެކި 2 އަދި 3 އަށް ވެސް މަމްދޫހުގެ ނަމުގައި ވާހަަކަ ދައްކަމުން ދިޔައީ ހައިޝަމްކަން އެނގުނީ ކިހިނެއްކަން ބުނެނުދެވޭ

• ފުލުހުންގެ ފޮޓޯ ރިޕޯޓުގައި ހުރި ސްކްރީންޝޮޓުތަކުގައި މަމްދޫހު ކަމަށް ދައްކައިގެން ހައިޝަމްގެ ފޮޓޯއެއް ފޮނުވި ކަމަށް ބުނި ނަމަވެސް، އެ ފޮޓޯ ފޮނުވީ ހައިޝަމްކަން ޝަރީއަތަށް ސާފުނުކޮށްދެވޭ

• ހައިޝަމްގެ ފޯނާއި ލެޕްޓޮޕުން ޗެޓުލޮގުތަކާއި ބްރައުޒާ އެކްޓިވިޓީ ފެނުނު ނަމަވެސް، އެއީ ހެކިބަސް އަދާކުރި މީހުންނާ ހިނގާފައިވާ މުއާމަލާތެއްކަން އެނގެން ނެތް

• އެހެންކަމުން، ހައިޝަމްގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރަށް ހެކި ހުއްޓަސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށް

ހައިޝަމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޝަހީދަށް ފެނިވަޑައިގެންނެވި ނަމަވެސް، ބެންޗުގައި ތިއްބެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު ތަފާތުވި އެވެ. ފަނޑިޔާރު މުހައްމަދު ފައިސަލްގެ ތާއީދު ކުރެއްވީ އޭނާގެ ރައުޔަށެވެ.

ނިޔާޒު ފާހަގަކުރެއްވީ، ސިއްރު ހެކި އެކެއްގެ ހެކިބަހުގައި، އޭނާ މަންޑޭ ކަމަށް ހެދިގެން ވާހަކަ ދެއްކި މީހާ އަކީ ހައިޝަމްކަން އެނގެނީ ވާހަކަ ދެއްކުމުގެ ތެރެއިން ހައިޝަމް އޭނާގެ އަމިއްލަ ފޮޓޯއެއް ފޮނުވާފައިވާތީ ކަމަށް ބުނެފައިވާކަމެވެ. އަދި އެ ފޮޓޯ ފުލުހުންގެ ފޮޓޯ ރިޕޯޓުގައިވާ ސްކްރީންޝޮޓުތަކުންް ފެންނަ އިރު ސިއްރު ހެކި އެކެއްގެ ހެކިބަހުގެ ތެދުކަން އޮޅުމެއް ނެތި ސާފު ކަމަށް ފަނޑިޔާރު ނިޔާޒު ލިޔުއްވި އެވެ.

އޭގެ އިތުރުން، ހެކިބަސް ދިން އިރު ސިއްރު ހެކިވެރިޔާ 3 ހައިޝަމް ދަންނަ ކަމަށާއި އޭނާ ދަންނަނީ މަންޑޭގެ ނަމުގައި ފޭކް އައިޑީ ހަދައިގެން ވާހަކަ ދެއްކި މީހެއްގެ ގޮތުގައި ކަމަށް ބުނުމުން އެކަމާ ގުޅިގެން ބުނާނެ އެއްޗެއް ނެތް ކަމަށް ހައިޝަމް ބުނެފައިވާތީ ހެކިވެރިޔާގެ ބަހުގެ ތެދުކަމުގެ މައްޗަށް ބުރަދަން ދޭން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ފުލުހުން އެކުލަވާލި ފޮޓޯ ރިޕޯޓުން ވެސް ހެކިވެރިޔާ ދެއްކި ވާހަކަ ދިމާވާ ކަމަށްވެ އެވެ.

މަންޑޭއަށް ހެދިގެން އުޅުނު މީހާއަކީ ހައިޝަމް ކަމަށް ހެކިވެރިން ބުނާއިރު އަދި އެކަމަށް ބާރު ދޭ ހެކި އޭނާގެ ފޯނާއި ލެޕްޓޮޕުން ފެނިފައިވާއިރު، މަންޑޭއަށް ހެދިގެން އޮޅުވާލީ ހައިޝަމްކަން ޔަގީނާ ގާތަށް ސާބިތުވާ ކަމަށް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައިވެ އެވެ. އަދި އޭނާގެ އަމަލުގެ ސަބަބުން، މަންޑޭގެ އަބުރަށް ހުތުރުވުމުގެ އިތުރުން މަގުމަތިން ވެސް އޭނާއަށް ފުރާނައަށް ނުރައްކާވާ ފަދަ ކަންތައްތަކާ ކުރިމަތިލާން ޖެހުނުކަން މަންޑޭގެ ބަހުން އެނގެން އޮތް އިރު ހައިޝަމް އެ އަމަލު ކުރީ އަނެކާއަށް ވާނެ ގޮތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައި ކަމަށް ވެސް ހުކުމުގައިވެ އެވެ.

ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހައިޝަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ކަނޑައެޅުުމުން އޭނާ އެދުނީ ލުއި އަދަބެއް ދިނުމަށެވެ. އޭނާ އަކީ މަަހަކު 25،000ރ. ލިބޭ ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށް ބުނެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދޭން އެދުނެވެ. އަދި ޖޫރިމަނާއަށް ބަދަލުކުރެވެން ނެތް ނަމަ ގޭބަންދަށް އަދަބު ބަދަލުކުރަން ވެސް އެދުނެވެ.

ހައި ކޯޓަށް އޮކްޓޫބަރު 3، 2019 ގައި ހުށަހެޅި މި މައްސަލާގައި ކުށަށް އަންނަން އޮތީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް ދައުލަތުން އެދުނީ އަދަބުގެ ދަރަޖަ އެއް ދަރަޖަ އިތުރުކޮށް ހަ މަހަށް ހައިޝަމް ޖަލަށްލުމަށެވެ. ނަމަވެސް، ހައި ކޯޓުން ނިންމީ، އަދަބުގެ ދަރަޖަ އިތުރުނުކޮށް، އަސާސީ އަދަބުން އެއް ބައި ޖޫރިމަނާއަށް ބަދަލުކުރުމަށެވެ.

ހައި ކޯޓުން ނިންމީ އޭނާ ބަންދުގައި ހޭދަ ކުރި މުއްދަތު އުނިކޮށް، 47 ދުވަހަށް ޖަލަށްލައި 60،000ރ.އިން ޖޫރިމަނާ ކުރުމަށެވެ. އަދި ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގި އެވެ.