ބީއެމްއެލް އާއި އެމްއެމްސީ ގުޅިގެން ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕެއް ބާއްވަނީ
ބީއެމްއެލް އާއި އެމްއެމްސީ ގުޅިގެން ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕެއް ބާއްވަނީ

ފައިނޭންޝަލް ޖާނަލިޒަމްއާ ގުޅޭ ހަބަރުތައް ލިޔުމަށް ހާއްސަ ވޯކްޝޮޕެއް ބާއްވަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނިންމައިފި އެވެ.

ރާއްޖޭގެ ނޫސްވެރިންނާއި އެޑިޓަރުންނަށް އަމާޒުކޮށްގެން ބާއްވާ އެ ވޯކްޝޮޕް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު، މެންހަޓަން ބިޒްނަސް ހޮޓެލްގަ އެވެ.

އެމްއެމްސީގެ ރައީސް މުހައްމަދު ޝަފާއު "މިހާރު" އަށް ވިދާޅުވީ މި ވޯކްޝޮޕްގައި ޖުމްލަ 25 ބައިވެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި މި ފަައިސާގެ މުއާމަލާތްތަކާއި ގުޅުންހުރި ކުށްތަކާ ބެހޭ ގަވައިދުތަކާއި މާލީ ރިޕޯޓުތަކާ ގުޅޭ ހަބަރު ލިޔުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ދޭނެ އިތުރު ދާއިރާތައް:

- މަނީ ލޯންޑަރިން

- ޓެރަރިޒަމް އަށް ހަރަދު ކުރުމާ ދެކޮޅަށް ހަދާފައިވާ ގަވާއިދުތައް

- މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް

މީގެ އިތުރުން ޝަފާއި ވިދާޅުވީ ދައުލަތުގެެ ބަޖެޓާއި މާލީ ރިޕޯޓުތަކުން ހަބަރު ހެދުމުގެ އިސްކަން ދޭން ޖެހޭ ކަަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތުދޭނެ ކަމަށެވެ.

މި ވޯކްޝޮޕުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނީ ބީއެމްއެލް ޗާޓާޑް ބޭންކަރުންނާއި ކަމާގުޅުން ހުރި ދާއިރާތަކުގެ 10 އަހަރާއި 15 އަހަރުގެ ތަޖުރިބާކާރުން ކަމަށް ޝަފާއު ވިދާޅުވި އެވެ.