27 އޮކްޓޯބަރ 2022 - 10:13

ސަރުކާރުން ނަގާ ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާ އިން ދައްކަން ޖެހޭ ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސެންޓަށް އިތުރު ކުރުމާ މެދު މަޖިލީހުން މިހާތަނަށް ހިޔާލު ހޯދި ހުރިހާ ފަރާތްތަކުން އެކަމާ ވަރަށް ބޮޑަށް ދެކޮޅެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ބުނި ގޮތުގައި އިތުރަށް ނަގާ ޓެކްސް އިން އެ ވިޔަފާރިތައް އެކީ ހަލާކުވެ ބަންދު ކުރަން ޖެހިދާނެ އެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނި ގޮތުގައި އިތުރު އެއް އަހަރު ފަހުން ނޫނީ ޓެކްސް ބޮޑު ކުރުން އެ ދާއިރާ އަށް ރަނގަޅެއް ނޫނެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (މަޓާޓޯ) އިން ވެސް ބުނެފައި ވަނީ ޓެކްސް ބޮޑު ކުރުމުން ޓޫރިސްޓުން އަންނަ މިންވަރު ދަށް ވާނެ ކަމަށެވެ.

ނަމަވެސް އެ ހުރިހާ ކަންބޮޑުވުންތަކާ އެކީ ސަރުކާރުގެ އޮތީ އެންމެ ވިސްނުމެކެވެ. ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ވަނީ ޓެކްސް ބޮޑު ކުރުމަށް ވުރެ އެހެން އެއްވެސް ކަމެއް މި ވަގުތަށް މުހިންމު ނުވާ ސަބަބުތައް ދައްކަވައިފަ އެވެ. އަދި ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހުންނެވީ މާހިރުންގެ ކަންބޮޑުވުން ހުއްޓަސް ބިލު އޮތް ގޮތަށް ފާސް ކުރުމެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ގެސްޓްހައުސްގެ އެސޯސިއޭޝަންގެ ފައިނޭންޝަލް ކޮންޓްރޯލާ ހަސަން އަލިމަނިކު ވިދާޅުވީ ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ އުޅެނީ އެވަރޭޖްކޮށް 40 ޕަސެންޓުގައި ކަމަށާއި ހިންގަނީ ކުޑަކުޑަ މާޖިންއެއްގައި ކަމަށެވެ.
ބާލީ އާއި ފުކެޓް ފަދަ ގައުމުތަކުގެ ކޮމްޕެޓިޝަން އެހާ ބޮޑު އިރު ޓެކްސް ބޮޑު ކުރުމުގެ ސަބަބުން މިހާރު ލިބިފައިވާ ގިނަ ބުކިންތަކެއް ކެންސަލް ވެދާނެ ކަމަށް ހަސަން ވިދާޅުވި އެވެ. ކޮންމެ އަހަރަކު ވެސް އޮކްޓޯބަރާއި ނޮވެމްބަރު މަހު ޓްރެވަލް އެޖަންޓުންނާ އެއްބަސްވުން ހަދައި ބައެއް ފަރާތްތަކުން ފައިސާ ވެސް ދައްކާފައިވާ ކަމަށާއި ބައެއް ގެސްޓްހައުސް ތަކުން އަހަރެއްހާ ދުވަސް ކުރިޔަށް ބުކިން ހައްދާ ފައިސާ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަނީ ސައިޑް އޮފް ލައިފް ކިޔާ އިރު ވެސް މޫސުމަށް އަންނަ ބަދަލުތަކުން އޮފް ސީޒަން ވެސް މިދަނީ މުޅިން ވިއްސާރައިގައި. އެހެންވެ މިކަހަލަ ބައިވަރު އިމާޖިން މާކެޓުތައް އަންނަ އިރު ކަންބޮޑުވުން އެބަހުރި ކެންސަލޭޝަން އައުމުގައި. ލަފާ ކުރަން 20-25 ޕަސެންޓުގެ މައިނަސްއެއް އަންނާނެ ކަން،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގެސްޓް ހައުސްތައް އަދިވެސް އުޅެނީ ކޮވިޑް-19 އާއި މިހާރު ހިނގާ ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުމުން އަރައި ނުގަނެވިގެން ކަމަށެވެ.
ޓެކްސް ބޮޑު ކުރުމުގެ ކުރިން އަހަރެއްހާ ދުވަސް ނުވަތަ ދެ އަހަރު ސަރުކާރުން މަޑު ކުރަން ޖެހޭނެ ކަމަށާއި އެ ނޫން ނަމަ ކޮވިޑް-19 ތެރޭގައި ގެސްޓް ހައުސްތަކަށް ބޮޑެތި ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިމަތީ އިންނެވި ގެސްޓްހައުސް އެސޯސިއޭޝަންގެ މެމްބަރުން އެ މީހުންގެ ވިޔަފާރިތައް ހަލާކުވެގެން ދާނެ ކަމުގެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވީ ވިޔަފާރިތައް އިތުރަށް ކުރިއަރައިގެން ދާނެ ކަމުގެ ޔަގީން ކަމެވެ.
އަމީރު ވިދާޅުވީ ޓެކްސް ބޮޑު ކުރުމަކީ އެއްވެސް ގައުމެއްގައި ވިޔަފާރި ވެރިން ރުހޭނެ ކަމެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ޓެކްސް ބޮޑު ކޮށްގެން ގެއްލުންވާނެ ކަމަށް ލަފާ ކުރި ނަމަވެސް ޓޫރިޒަމް ދާއިރާ އަށް ގެއްލުމެއް ނުލިބި އިތުރަށް ކުރި އަރާފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ދުވަސްވަރަށް ފަހު ގިނަ ގައުމުތައް ބަނޑަށް ޖެހުނު ނަމަވެސް ރާއްޖެ އިން ކުރިއަރައިގެން ދެމި ގަނެވުނީ ސަރުކާރުން ލޯނުތަކާއި އެހީތައް ދީގެން ވިޔަފާރިތައް ހަލާކުވިޔަ ނުދީ ހިފަހައްޓައިގެން ކަމަށާއި ނަމަވެސް އޭގެ ސަބަބުން ޕަބްލިކް ފައިނޭންސަށް ބޮޑު ހިޓެއް ނެގި ކަމަށް އަމީރު ވިދާޅުވި އެވެ.
މިހާރު މި އޮތް ހިސާބުން އިތުރަށް ވިޔަފާރިތަކަށް ގެއްލުން ނުވެ އަދި މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ގެންދެވެން އޮތީ ޓެކްސް ބޮޑު ކޮށްގެން ކަމަށް އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކަމުން އެއްކޮށް ސަލާމަތް ވާން ޖެހޭ. ޕަބްލިކް ފައިނޭންސް ރަނގަޅު ސިއްހަތެއްގައި ނެތި ވިޔަފާރިވެރިތައް ވެސް ކުރިއަރައި ދާ ތަނެއް ނުފެނޭ،" އަމީރު ވިދާޅުވި އެވެ.
މިއީ ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށް ޓޫރިޒަމް ދާއިރާގެ ބޭފުޅުން ވިދާޅުވާ ވާހަކަ އަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓެކްސް ބޮޑު ކުރުމުގެ މަޝްރާ ފުރަތަމަ ކުރީ މި އަހަރު ޖޫން މަހު ތެރޭގައި ކަމަށެވެ. އޭރު މަޝްވަރާ ކުރި އިރު ގިނަ ބޭފުޅުން އެކަމަށް ތާއީދު ވެސް ކުރި ކަމަށާއި އޭގެ ފަހުން ބިލު ފޮނުވި އޮގަސްޓު މަހު ތެރޭގައި ކަމަށް އަމީރު ވިދާޅުވި އެވެ.
މިހާރު ނޮވެމްބަރު މަސް ފެށޭ އިރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް އަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިއީ [ޓެކްސް ބޮޑު ކުރަން] އެންމެ ރަނގަޅު ދަނޑިވަޅު. އަޅުގަނޑުމެން އެބަ ޖެހޭ މިހާރު ހޯދާފައި ހުރި ކުރިއެރުންތައް ހިފެހެއްޓޭނެ ކަމުގެ ޔަގީން ކަން ގެންނަން،" އަމީރު ވިދާޅުވި އެވެ.
ޓެކްސް ބިލާ ގުޅޭ ގޮތުން މާހިރުންގެ ހިޔާލު ހޯދަން މަޖިލީހަށް ހާޒިރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިގެންނެވެ. އެކަަން ކުރުމާ ދެކޮޅަށް ބައެއް ސަރުކާރު މެމްބަރުން ވާހަކަ ދައްކަވަމުން ގެންދަނިކޮށެވެ.
އެ ބޭފުޅުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ގެންދެވި އިރު ބައެއް މެމްބަރުންގެ ނުރުހުމާއި ފާޑުކިޔުން ވެސް އަމާޒު ވި އެވެ. އަދި ގެސްޓްހައުސްތަކަށް އަންނަނީ "ނިކަމެތި ފަގީރުން"ތޯ ސުވާލު ކުރައްވައި މަލާމާތުގެ ރާގަކުން ވެސް ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ.
އެގޮތަށް ވާހަކަ ދައްކަވައި، ހާޒިރު ކޮށްފައި ތިބި ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ނުކުރަން ރިޔާސަތުން ތަކުރާރުކޮށް ގޮވާލަމުން ދިޔަ އެވެ.
ގިނަ މެމްބަރުން ސުވާލުތަކާއެކު ދެއްކެވި ވާހަކާގައި ވަނީ ޓެކްސްގެ ސަބަބުން ގެއްލުން ލިބޭނެ ކަން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ނުރުހުން ފާޅު ކުރައްވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މަޓީންނާއި ގެސްޓްހައުސް އެސޯސިއޭޝަނުން ވެސް އަހަރެއްހާ ދުވަސް ފަހުން ޓެކްސް ބޮޑު ކުރަން ލަފާ ދޭ ކަމަށެވެ. އަދި ބައެއް ދާއިރާތަކުގެ މެމްބަރުން ވެސް އެ ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށާއި ނަމަވެސް ބަދަލެއް ގެންނާކަށް އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
"މިނިސްޓަރު [އަމީރު] ކައިރީ ދަންނަވާލަން ބޭނުން ސަރުކާރުން ފޮނުވާ ބިލުގައި ވިޕްލައިން ވެސް ތިރީގައި ދެންނެވީމޭ ކިޔާފަ ފޮނުވާން. އެ މޭރުމުން ކަންކަން ދާ ކަމަށް ވާނަމަ ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.