ކެޓްރީނާ އަނެއްކާ ވެސް ސައުތު އިންޑިއާ ފިލްމެއް ކުޅެލަން ބޭނުންވެފައި
ކެޓްރީނާ އަނެއްކާ ވެސް ސައުތު އިންޑިއާ ފިލްމެއް ކުޅެލަން ބޭނުންވެފައި

ހިންދީ ސިނަމާގައި މަސައްކަތްކޮށް މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ ތަރި، ކެޓްރީނާ ކައިފް، ސައުތު އިންޑިއާ ފިލްމެއް ކުޅެން ވަރަށް ބޮޑަށް ޝައުގުވެރިވެފައިވާ ކަަމަށް ބުނެފި އެވެ.

"ބޫމް" އިން 2003 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ކެޓްރީނާ ވަނީ ޖެހިގެން އައި އަހަރު، ތެލޫގޫ ފިލްމު "މައްލިސްވަރީ" ގައި މަސައްކަތްކޮށްފަ އެވެ. އަދި 2005 ގައި ނެރުނު "އައްލާރީ ޕިޑުގޫ" ގެ އިތުރުން މަލަޔާލަމް ފިލްމަކުން ވެސް އޭނާ ފެނިފައިވެ އެވެ.

ކެޓްރީނާގެ ފުރަތަމަ ތެލޫގޫ ފިލްމުގެ މަސައްކަތަށް ފަހު، އޭނާ ވަނީ ކެރިއަރުގެ ކުރީކޮޅު ފިލްމު ފެއާ އެވޯޑް ފޯ ބެސްޓް އެކްޓްރެސް - ތެލޫގޫ އަށް ވެސް ނޮމިނޭޓްވެފަ އެވެ. އޭގެ ފަހުން ގިނަ ފުރުސަތުތަކެއް ދެކުނު ފިލްމުތަކުން ލިބުނަސް އޭނާ ބޮޑަށް ފެނިގެންދިޔައީ ހިންދީ ފިލްމުތަކުންނެެވެ.

ހިންދީން ވާހަކަ ދައްކަން ނޭނގޭ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވި ކެޓްރީނާއަކީ މިއަދު ބޮލީވުޑް ސިނަމާގައި އެންމެ ނަން ހިނގާ އެއް ތަރިއެވެ.

އެކަމަކު ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެ ނަމަ، ދެކުނު އިންޑިއާގެ ފިލްމެއްގައި ވެސް މަސައްކަތްކުރަން ފަސް ނުޖެހޭނެ ކަމަށް ކެޓްރީނާ މިވަނީ ބުނެފަ އެެވެ. ކުރިއަށް އޮތް ތަނުގައި ދެކުނު ފިލްމަކުން ފެނިދާނެތޯ ކުރި ސުވާލެއްގައި ކެޓްރީނާ ބުނީ ވަރުގަދަ ކެރެކްޓަރެއް ލިބިއްޖެ ނަމަ، އެއީ ކޮން ބަހެއްގެ ފިލްމެއްތޯ އޭނާ ނުބަލާނެ ކަމަށެވެ. އަދި ވަރަށް ކުޅަދާނަ ޑައިރެކްޓަރުން ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް އެބަ އުޅޭ ކަމަށް ބުންޏެވެ.

ކެޓްރީނާ މިހެން ބުނީ މަނީ ރަތުނަމްގެ އެންމެ ފަހުގެ ސައުތު ފިލްމު، "ޕޮނިޔިން ސެލްވަން" ބެލުމަށް ފަހުގަ އެވެ. އެ ފިލްމު ވަރަށް ކަމުދާ ކަމަށް އޭނާ ބުންޏެވެ.

ކެޓްރީނާގެ މަސައްކަތްތަކަށް ބަލާއިރު އޭނާ މިވަގުތު އިންތިޒާރުކުރަމުން ދަނީ ނޮވެމްބަރު 4 ގައި ރިލީޒްކުރާ އޭނާ ފިލްމު، "ފޯނު ބޫތު" އަށެވެ. ބިރުވެރި މަޖާ މި ފިލްމަކީ ކެޓްރީނާގެ ކައިވެންޏަށް ފަހު އޭނާ ފެނިގެންދާ ފުރަތަމަ ފިލްމެވެ. އޭގައި އޭނާ ފެންނާނީ ޒުވާން ދެތަރިން ކަމަށްވާ އިޝާން ކައްޓާރާއި ސިދާންތު ޗަތުރަވޭދީ އާއެކު އެވެ.