ބައްޕަ ސިނގިރޭޓާ ދުރުވީ މަންމަގެ މަރުން: ޖާންވީ
ބައްޕަ ސިނގިރޭޓާ ދުރުވީ މަންމަގެ މަރުން: ޖާންވީ

ބައްޕަ އަކީ ވަރަށް ގަދައަށް ސިނގިރޭޓް ބުއި މީހެއް ކަމަށާއި އެ ނުރަނގަޅު އާދަ ދޫކޮށްލީ މަންމަ، ސްރީދޭވީގެ ކުއްލި މަރާ އެކު ކަމަށް އެ މީހުންގެ ދަރިފުޅު، ޖާންވީ ބުނެފި އެވެ.

ބޮލީވުޑްގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ އަނބިމީހާ ސްރީދޭވީ ކުއްލި ގޮތަކަށް މަރުވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ޖާންވީ ބުނި ގޮތުގައި އެމީހުންގެ ގޭގައި އެންމެ ބޮޑަށް ޒުވާބުކުރާ އެއް ސަބަބަކަށް ވެފައި އޮތީ ބައްޕަ ސިނގިރޭޓް ބުއިމެވެ. އެކަން ހުއްޓުވުމަށް މަންމަ ވަރަށް މަސައްކަތްކުރި ކަމަށް ޖާންވީ ބުންޏެވެ.

ޖާންވީ ކިޔައިދިން ގޮތުގައި "ނޯ އެންޓްރީ" އާއި "ވޯންޓެޑް" ގެ މަސައްކަތް ކުރި ދުވަސްވަރު ބޮނީ ވަނީ ވަރަށް ގަދައަށް ސިނގިރޭޓް ބޮއިފަ އެވެ. އެކަމާ އުނދަގޫވެ އޭނާ އާއި ކޮއްކޮ ހުޝީ، ބައްޕަގެ ސިނގިރޭޓް ފޮށި ހަލާކުކޮށްލައި އޭގައި ދަތްއުނގުޅާ ބޭސް ހާކައި އެތައް ކަމެއް ކުރި ކަމަށް ބުންޏެވެ.

ޖާންވީ ބުނީ ވެޖެޓޭރިއަން ކެއުންތައް އެކަނި ކަމުން އައި އޭނާގެ މަންމަ ފަހުން ވަނީ ބައްޕަ ސިނގިރޭޓް ބުއިން ހުއްޓާ ނުލުމުން ވެޖިޓޭރިއަން ކެއުންތައް ކާން ފަށައިފަ އެވެ. އަދި އޭގެ ފަހުން މަންމަގެ ސިއްހަތު ގޯސްވި ކަމަށް ބުންޏެވެ.

އެކަމަކު އެވަރުން ވެސް ބައްޕަގެ ނުރަނގަޅު އާދަ ދޫކޮށްނުލި ކަމަށް ބުންޏެވެ.

އެކަމަކު ސްރީދޭވީގެ މަރާ އެކު ބައްޕަ މުޅިން ބަދަލުވެފައިވާ ކަމަށާއި ސިނގިރޭޓް ބުއިން ވެސް ހުއްޓާލާފައިވާ ކަމަށް ޖާންވީ ބުންޏެވެ.

ޖާންވީ ބުނީ މިދިޔަ ފަސް ވަރަކަށް އަހަރު ކުރިން އޭނާގެ ބައްޕަ އެ ނިންމުން ނިންމާފައި ވަނީ މަންމަ އެހާ ބޮޑަށް އެކަމަށް އެދުނުއިރު ވެސް އެކަން ނުކުރެވުމުންނެވެ.

ޖާންވީގެ މަންމަ މަރުވެފައި ވަނީ ޖާންވީ ފިލްމީ ދާއިރާއަށް ތައާރަފު ނުވަނީހެވެ. ދެހާސް އަށާރައިގެ ފެބްރުއަރީ 24 ވަަނަ ދުވަހުގެ މެންދަމު މުޅި އިންޑިއާ ސިއްސުވާލީ، އާއިލާ މީހެއްގެ ކައިވެންޏަށް ދުބާއީއަށް ގޮސް ހުއްޓާ ކުއްލި ގޮތަކަށް ސްރީދޭވީ މަރުވުމުންނެވެެ.