26 އޮކްޓޯބަރ 2022 - 21:57

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދެކޮޅު ހަދައިފި އެވެ.
ސަރުކާރުން ހުށަހަޅާފައި ވަނީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
އެކަމާ ގުޅޭ ގޮތުން ދާއިރާގެ ބޭފުޅުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފަ އެވެ.
މަޓީން މިއަދު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ މިއީ ޓެކްސް ބޮޑު ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ސަބަބެއް ގޮތުގައި ވިދާޅުވީ މިހާރު ވެސް ޓޫރިޒަމް ސިނާއަތަށް އައިސްފައިވާ އެކިއެކި ލޮޅުންތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށާއި ޓެކްސް ބޮޑު ކުރުމުގެ ކުރިން އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
"މަޓީގެ އެދުމަކީ ޓެކްސް އަށް އަންނަ ކޮންމެ ބަދަލެއް ތަންފީޒު ކުރުމަށް އެންމެ މަދުވެގެން 12 މަސް ދުވަސް ދިނުން،" މަޓީން ފޮނުވި ސިޓީ އިއްވައި ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުން ނިންމާފައި ވަނީ މަޓީގެ ބޭފުޅުން މަޖިލީހަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އެ ބޭފުޅުން މަޖިލީހަށް ހާޒިރެއް ނުވެ އެވެ.
މަޓީއަކީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ހިމެނޭ ޖަމިއްޔާ އެކެވެ. އޭގެ ތެރޭގައި ޗަމްޕާ ހުސެއިން އަފީފާއި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އަދި ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމް ހިމެނެ އެވެ.