26 އޮކްޓޯބަރ 2022 - 18:55

މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން މީގެ ކުރިން ވެސް ތުހުމަތުކުރާ އަރުޝަދު ހާލިދު، ޑްރަގުގެ އެހެން މައްސަލައެއްގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުނުކޮށް މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު އަރުޝަދު މިއަދުގެ ވަގުތެއްގައި ދޫކޮށްލައިފައިވާ ކަމަށެވެ. ފުލުހުން ބުނީ އަރުޝަދު ދޫކޮށްލީ ބަންދުގައި ބެހެއްޓޭ ވަރަށް ހެއްކާއި ގަރީނާ ނެތުމުން ކަމަށެވެ.
އަރުޝަދު ހައްޔަރުކުރުމަށްފަހު ފުލުހުން ރޭ ބުނީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަރުޝަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް އަރުޝަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހައި ކޯޓުން ނެރުނު އަމުރެއްގެ އިސްތިއުނާފު ޝަރީއަތަށް މިއަދު އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް އޭނާގެ ވަކީލް ވަނީ ހައްޔަރުކޮށްފައި ހުރީ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތެއްގައި ކަމަށް ކޯޓުގައި ވިދާޅުވެފަ އެވެ.
އަރުޝަދު އިއްޔެ ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގދ. އަތޮޅުގައި އޮޕަރޭޝަނެއް ފަށައި އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ އޮޕަރޭޝަން ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ރޭ ވަނީ ފެންމަތިވެފަ އެވެ. މަރުވީ އަރުޝަދުގެ ރަށް ކަމަށްވާ ގދ. ހޯނޑެއްދޫ މީހެކެވެ. އޭނާގެ މަރުގައި ފުލުހުންގެ އިހުމާލުވާކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
ސްރީ ލަންކާގައި ދިރިއުޅެމުން އައި އަރުޝަދު، މީގެ ދެ ހަފުތާއެއް ކުރިން ދުބާއީއަށް ދިޔަ ތަނުން ވަނީ އެއާޕޯޓުން ހިފަހައްޓައި އަނބުރާ ލަންކާއަށް ފޮނުވާލައިފަ އެވެ. އެ ގައުމުގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އަނބުރާ ރާއްޖެއަށް އައި ތަނުން އަރުޝަދު ހައްޔަރުކުރީ އެވެ.
އެކަމަކު އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފައި ވަނިކޮށް ފުލުހުން ބަންދުން ދޫކޮށްލުމުން ހައި ކޯޓުން ވަނީ އޭނާ ބަންދުގައި ނުބަހައްޓަން ނިންމައިފަ އެވެ. އެކަމަކު ކޯޓުން އެގޮތަށް ނިންމީ އަރުޝަދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގަ އެވެ.
އޭނާ ދޫކޮށްލި މައްސަލަ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދައުލަތުން ސްޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
އަރުޝަދަކީ މާލޭގެ ހަ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ނުވަ ކިލޯގެ ޑްރަގް ހޯދި މައްސަލައެއްގައި ދައުވާ ސާބިތުނުވުމުގެ ސަބަބުން މިނިވަންވެފައި ހުރި މީހެކެވެ. އެކަމަކު މިދިޔަ އަހަރުގެ ޑިސެމްބަރުގައި މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި އެތެެރެކުރުމުގައި އިސް ދައުރެއް އަދާކުރި ކަމުގެ ތުހުމަތު ފުލުހުން ވަނީ އޭނާގެ މައްޗަށް ކޮށްފަ އެވެ.