26 އޮކްޓޯބަރ 2022 - 17:57

ގދ. ހޯނޑެއްދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހުއްޓާ އެ ރަށު އަބްދުﷲ ރަޝީދު ނިޔާވުމުގެ ކުރިން އޭނާ މެޔަށް ތަދުވާތީ ޑޮކްޓަރަށް ދައްކަން އެދުނު ކަމަށާއި ނަމަވެސް ފުލުހުން އެކަމަށް ދެކޮޅުހެދީ ކަމަށް އެ ރަށު ކައުންސިލުން ތުހުމަތުކޮށްފި އެވެ.
ހޯނޑެއްްދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކައުންސިލުން ގަބޫލުކުރާ ގޮތުގައި އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށެވެ. ބަަޔާނުގައި ބުނެފައިވަނީ އަބްދުﷲ ރަޝީދު ހައްޔަރުކޮށްގެން ލޯންޗަށް އެރުވި ވަގުތު އެ ކައުންސިލްގެ ނައިބު ރައީސް އާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން އެ ސަރަހައްދަށް ވަޑައިގެން، ފަރުވާ ދޭން ހެލްތު ސެންޓަރަށް ގެންދަން އެދުމުން އެކަމާ ފުލުހުން ދެކޮޅުހެދީ ކަމަށެވެ.
"މީގެ އިތުރުން ލޯންޗު ތެރޭގައި އޭނާ މެޔަށް ތަދުވާކަމަށް ބުނަމުންދިޔަ ކަމަށާއި އެހެންނަމަވެސް ފުލުހުން މިކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައިނުވާކަން ފާހަގަކުރަމެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި އަބްދުﷲ ރަޝީދަށް ފަރުވާ ދޭން މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިއުމުގައި އެތައް އިރެއް ހޭދަވެފައިވާ ކަމަށާއި އެ އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ފުލުހުން ހިންގައިފައިވާ އަމަލެއް ކަމަށް އެ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވަނީ މި މައްސަލަ ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.
ހޯމް މިނިސްޓްރީންނާއި ފުލުހުން ވަނީ މި މަރުގެ މައްސަލަ ބަލައި އިހުމާލެއް ވެފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. ހަށިގަނޑުގެ ޕޯސްޓް މޯޓަމެއް ހަދަން ފުލުހުން ނިންމައި މިހާރު ވަނީ ހަށިގަނޑު މާލެ ގެނެސްފަ އެވެ.