26 އޮކްޓޯބަރ 2022 - 16:29

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަސަންގެ އޮފީހަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއްގެ ތަހުގީގު ނިމިފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ އެތަނަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވި ދުވަސް ކަމުގައިވާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 13 އިން ފެށިގެން މިއަދުގެ ނިޔަލަށް 111 މައްސަލަ ތަހުގީގުކޮށް މިހާރު ވަނީ ނިމިފަ އެވެ.
މީގެ ތެރޭގައި އިގްތިސާދީ އަދި އިޖުތިމާޢީ ހައްގާ ގުޅޭ 64 މައްސަލަ އާއި ހައްޔަރުކުރުމާއި ބަންދުކުރުމާ ގުޅޭ 23 މައްސަލައަކާއި މަސައްކަތްކުރުމުގެ ހައްގާ ގުޅޭ 21 މައްސަލައަކާއި އަދުލުވެރިކަމާ އެކު އިދާރި ފިޔަވަޅުތައް އެޅުމުގެ ހައްގާ ގުޅޭ މައްސަލައަކާއި ޒާތީ ދިރިއުޅުމުގެ ހައްގާ ގުޅޭ މައްސަލައެއް އަދި ލާއިންސާނީ އަދަބާ ގުޅޭ އެއް މައްސަލަ ހިމެނޭ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖޫން 13، 2021 ގަ އެވެ. މި މުއްދަތުގެ ތެރޭގައި މި 489 މައްސަލަ ލިބުނު ކަމަށާއި އޭގެތެރެއިން އެތަނުގެ އިހްތިސާސްގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ 455 މައްސަލަ ކަމަށް ބަޔާނުގައިވެ އެވެ.
"މިހާރު ތަހުގީގު ނުނިމި ހުރި މައްސަލަތަކުގެ ތަހުގީގު، ގާނޫނާއި ގަވައިދާ އެއްގޮތަށް ކުރިއަށްގެން ގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއްދަނީ ކުރަމުން،" ބަޔާނުގައި ބުނެފައިވެ އެވެ.
އެތަނުން ބުނީ އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ސުލްހަކުރުމުގެ މަސައްކަތް ވެސް ދައުލަތުގެ އިދާރާތަކާ ގުޅިގެން އަންނަނީ ކުރަމުން ކަމަށެވެ.
އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ މިދިޔަ 65 އަހަރުގެ އިންސާފު ހޯދައިދިނުމުގެ ވައުދާ އެކުގަ އެވެ. އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އަރައިގަނެ ހިންގާފައިވާ މައްސަލަތައް ބަލަން އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދީ ޑިސެމްބަރު, 17, 2020 ގަ އެވެ. މި އޮފީހުގެ ދައުރު އަންނަ ޑިސެމްބަރުގައި ހަމަވާ ގޮތަށް އޮތް ނަމަވެސް މިހާރު ވަނީ އިތުކުރަން ނިންމައިފަ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހެޅި ގިނަ ބައެއްގެ އުއްމީދަކީ އަދުލުވެރި މާލީ ބަދަލެކެވެ. އެކަމަކު މުޅި ގާނޫނާއި އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސައްކަތް ބިނާކޮށްފައި އޮތީ މައްސަލަތަކުގައި ބޮޑު ބަދަލެއް ނަގައިދިނުމަށް ވުރެން ސުލްހަވެރި ހައްލެއް ހޯދައިދޭން ކަމަށް ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް "މިހާރު" އަށް ކުރިން ވިދާޅުވެފައިވެ އެވެ.