ސަރުކާރުގެ ސްޓޭންޑް ބަދަލުވެފައި މިއޮތީ ޕީޕީއެމުން ބޭނުންވި ގޮތަށް: މިއުވާން
ސަރުކާރުގެ ސްޓޭންޑް ބަދަލުވެފައި މިއޮތީ ޕީޕީއެމުން ބޭނުންވި ގޮތަށް: މިއުވާން

ޗާގޮސްގެ މައްސަލާގައި ސަރުކާރުގެ ސްޓޭންޑް މިހާރު ބަދަލުވެފައި އޮތީ އިދިކޮޅު ޕީޕީއެމުން ބޭނުންވި ގޮތަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ސްޓޭންޑް ބަދަލުވެފައި މިއޮތީ ޕީޕީއެމުން ބޭނުންވި ގޮތަށް: މިއުވާން
ސަރުކާރުގެ ސްޓޭންޑް ބަދަލުވެފައި މިއޮތީ ޕީޕީއެމުން ބޭނުންވި ގޮތަށް: މިއުވާން

މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުގެ އެހެން ސިޔާސީ ޕާޓީތަކުން ވެސް ޗާގޮސްގެ މައްސަލާގައި ރައްޔިތުންނަށް ވަރަށް ބޮޑަށް ކަންކަން އޮޅުވާލަ އެވެ.

ޕީޕީއެމްގެ ވެރިކަމުގައި 2017 ވަނަ އަހަރު މޮރިޝަސްއާ ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމަށް ފަހު 2019 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމުގައި ވެސް ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ. ސަރުކާރުގެ ސްޓޭންޑް ޕީޕީއެމުން ބޭނުންވާ ގޮތަށް ބަދަލުވެފައިވާ ކަމަށް މިއުވާން ވިދާޅުވީ 2019 ގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމުން އެކަން ކުށްވެރިކޮށް ޕީޕީއެމުން ނެރުނު ބަޔާނަށް އިޝާރާތްކުރައްވަމުންނެވެ.

ޕީޕިއެމުން 2019 ގައި "ޖަޒުބާތުގައި ޖެހިގެން" ނެރުނު ބަޔާންތަކުގައި އދ. ގެ އެތައް ސަތޭކަ ގައުމަކާ ދެކޮޅަށް އެންމެ ހަ ގައުމަކުން ވޯޓު ދިންއިރު އެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުންގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކުވައިދޭ އަދި އިސްތިއުމާރަށް ކުރާ ތާއީދު ހާމަކުރާ އަމަލެއްގެ ގޮތުގައި ބުނެފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

"އޭރު އެގޮތަށް ވޯޓު ދިނުމުން ރައީސް ޔާމީންގެ ޕާޓީ، ޕީީޕީއެމުން އެގޮތަށް ސަރުކާރުން ވޯޓު ދިނީތީ ވެސް ސަރުކާރަށް ފާޑުކިޔައި، އެކަން ކުށްވެރިކޮށް ބަޔާންތައް ނެރުއްވި. ރާއްޖެ، މޮރިޝަސްގެ ކިބައިން މާފަށް އެދެން ގޮވާލައި ބޮޑެތި ބަޔާންތަކެއް 2019 ގައި ނެރުއްވި،" އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މި ސްޓޭންޑް ބަދަލުކުރާ ވާހަކަ ދެއްކެވީމަ، އެ ބޭފުޅުން ވިދާޅުވާ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުންގެ ވިސްނުންތަކާ ރާއްޖެ ކައިރިއެއްނޫންތޯ މިވީ؟ ދެން ކޮން ވާހަކައެއްތޯ މިހާރު އެ ދައްކަވަނީ؟ ހަމަ އެ ބޭފުޅުން ބޭނުންވި ގޮތަށް ދެއްތޯ ކަންތައް މިވީ. މިހާރު ފައިސާ ނެގި ކަމަށް މިވީ،" މިއުވާން ވިދާޅުވި އެވެ.

ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް ޔާމީން އަބަދުވެސް ދައްކަވަނީ ކޮންމެވެސް ފައިސާއެއްގެ ވާހަކަ އާއި އަޑިއަޑިން ޑީލްތަކެއް ހެދި ވާހަކަ ކަމަށް މިއުވާން ވިދާޅުވި އެވެ. އެ ނޫން އިތުރު ވާހަކައެއް އެ މަނިކުފާނަށް ނުދެއްކެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"[ރައީސް ޔާމީން] ހާއްސަ ގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވެ، ވިދާޅުވާ ކޮންމެ އެއްޗެއްގައި އަބަދުވެސް ކޮންމެސް ޑީލެއްގެ ވާހަކަ، ކޮންމެވެސް ފައިސާތަކެއްގެ ވާހަކަ. ފައިސާއާ ނުލައި، އެއްވެސް ވާހަކައެއް ނުދެއްކެވޭ. އެއްވެސް ކަމެއްގެ ހެއްކެއް ނުދެއްކެވޭ،" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްތޯ ބެލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެ މައްސަލަ ހުށަހެޅުމަށް، އދ. ގެ އާންމު މަޖިލީހުން އެންމެ ފުރަތަމަ އެކަމުގައި ވޯޓު ނެގީ ޖޫން 22، 2017 ގަ އެވެ. އެކަމާ ދެކޮޅަށް ވޯޓުދިން 15 ވަރަކަށް ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.

"އޭރު ރައީސް ޔާމީންގެ ސަރުކާރުން، އޭރު އެކަމަށް ނޫނެކޭ ބުނެ ރާއްޖޭގެ ވޯޓު ދިންއިރު ވޯޓުގެ އެކްސްޕްލެނޭޝަނެއް ދީފައެއް ނެތް. ވޯޓުގެ އެކްސްޕްލެނޭޝަނެއް ނުދީ، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެ ބޭފުޅުން ނޫނެކޭ ބުނެ އެކަން ނިންމާލިތަން،" މިއުވާން ވިދާޅުވި އެވެ.

"ބައިނަލްއަގުވާމީ ކޯޓު، އައިސީޖޭގައި އޭރު އެ މައްސަލަ އެންމެ ފުރަތަމަ ކުރިއަށް ދިޔައިރު ވެސް ރާއްޖޭގެ ފަރާތުން ރައީސް ޔާމީންގެ ސަރުކާރުގައި ވެސް، އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ. މި ދެންނެވިހެން މި ރިޒޮލިއުޝަން ފާސްވެގެން ދިޔައިރު އެކްސްޕްލެނޭޝަން އޮފް ވޯޓެއް ވެސް ދެއްވާފައެއް ނެތް، މިކަމަކާ މާބޮޑަށް އަޅައެއް ނުލައްވާ."

މިއުވާން ވިދާޅުވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް އައިސީޖޭ އިން ނިންމީ އޭގެ ފަހުން މެއި 12، 2019 ގައި ކަމަށެވެ. އެގޮތަށް ނިންމީ ރާއްޖެއަކުން ނުވަތަ މޮރިޝަސްއަކުން އަމިއްލައަކަށް ނޫން ކަމަށާއި އެއީ އައިސީޖޭގެ ނިންމުމެއްކަން މިއުވާން ފާހަގަކުރެއްވި އެވެ. އެކަމަކު، އެ ނިންމުން ތަންފީޒުކުރަން ނުފެންނަ ކަމަށް އދ. ގައި ބުނި ހަ ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭކަން ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"އެކަމަކު އޭރުގައި އެހެން ބުނި ސަބަބު ސަރުކާރުން ވަރަށް ސާފުކޮށް އޮންނާނެ ހާމަކޮށްފައި. ވޯޓު ލަނީ ޑީކޮލަނައިޒޭޝަންއާ ދެކޮޅުވެގެން ނޫން ކަމަށާއި ކޮންޓިނެންޓަލް ޝެލްފްގެ މައްސަލާގައި ސީއެލްސީއެސް އަށް ހުށަހަޅާފައިވާ މައްސަލާގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ފޯމަލް ޕްރޮޓެސްޓެއް ހުށަހަޅާފައި ވާތީ ކަމަށް،" ގާތްގަނޑަކަށް ގަޑިއިރަކަށް ދެމިގެން ދިޔަ ޕްރެސްގައި މިއުވާން ވިދާޅުވި އެވެ.

ޗާގޮސްގެ މައްސަލާގައި ސަރުކާރަށް މިހާރު ފާޑު ކިޔަމުން ދަނީ މޮރިޝަސްގެ ބާރު ޗާގޮސްއަށް ހިނގާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމައި މޮރިޝަސް އާއި ރާއްޖޭގެ އިމުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލާގައި ރާއްޖޭން ދެއްކި ވާހަކައަކާ އެކުގަ އެވެ. މީގެ ކުރިން އދ.ގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖޭން ވޯޓު ދިން ނަމަވެސް މީގެ ފަހުން އެފަދަ ވޯޓެއްގައި މޮރިޝަސްއަށް ތާއީދުކުރާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސް އަށް އަންގާފައިވާ ކަމަށާއި ރާއްޖޭން އެދެނީ އިމުގެ މައްސަލާގައި މޮރިޝަސް އިން ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ކަމަށް އިޓްލޮސްގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.