26 އޮކްޓޯބަރ 2022 - 12:41

ފުޓްބޯޅައިގެ ކޯޗިންގެ ތެރެއިންނާއި އެގްޒެކެޓިވް ލެވެލުން ކަޅު ނަސްލުގެ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ދިނުމަށް ފްރާންސްގެ ކުރީގެ މިޑްފީލްޑަރު ޕެޓްރިކް ވިއެރާ ގޮވާލައިފި އެވެ.
ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގެ ކޯޗު ވިއެރާ އަކީ، އެ ލީގުގައި ކޯޗުކޮށްދޭ ކަޅު ނަސްލުގެ ހަމައެކަނި ކޯޗެވެ. އެކަމަކު އެ ލީގުގައި ކުޅޭ ކުޅުންތެރިންގެ 43 ޕަސެންޓަކީ ކަޅު ނަސްލުގެ ކުޅުންތެރިންނެވެ.
އެފްރިކާ އާއި ޔޫރަޕަށް ނިސްބަތްވާ ކަޅު ނަސްލުގެ ކުޅުންތެރިން، ކުޅުމުގެ ކެރިއަރުގައި ވިދާލި ނަމަވެސް ކޯޗިންގައި މާބޮޑު ފުރުސަތުތަކެއް ނުލިބެ އެވެ. އަދި ފުޓްބޯޅައިގެ ހިންގުމުގެ ތެރެއިން ވެސް މާބޮޑު ފުރުސަތެއް ނުލިބެ އެވެ.
ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އިންގްލެންޑުގެ ފުޓްބޯޅައިގެ އެގްޒެކެޓިވް ލެވެލާއި ލީޑާޝިޕް ލެވެލްގައި އަދި ވެރިންގެ ލެވެލްގައި ކަޅު ނަސްލު ހިއްސާކުރަނީ އެންމެ 1.6 ޕަސެންޓް ކަމެވެ.
ފްރާންސްއާ އެކު 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ބުނީ ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނަށް ބަލާއިރު ކަޅު ނަސްލުގެ ކޯޗުންގެ އަދަދު ފުދޭވަރު ނުވާ ކަމަށެވެ.
"ފުރުސަތުތަކެއް ނެތް. ޖުމްލަކޮށް ބަލާއިރު އަހަރެން ގަބޫލުކުރާ ގޮތުގައި މެނޭޖްމަންޓުގެ ތެރެއަށް ދާން އަހަރެމެންނަށް ކުރަން ޖެހޭ މަސައްކަތްކުރަން ދޮރުތައް ހުޅުވިފައެއް ނޫން ހުރީ،" އޭނާ ބުންޏެވެ.
ވިއެރާ ބުނީ އެހެން މީހުން ފަދައިން ކަޅު ނަސްލުގެ ކޯޗުންގެ ފެންވަރު ވެސް ހުރިކަން ދައްކާލަން އިތުރު ފުރުސަތުތައް ބޭނުންވާ ކަމަށެވެ.
އޭސީ މިލާނާއި އާސެނަލާއި އިންޓަ މިލާނާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ ވަނީ ކްލަބް ކެރިއަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ކަޅު ނަސްލުގެ ކޯޗުންގެ ތެރެއިން ފަހަކަށް އައިސް ބޮޑު ޓީމަކުން ފުރުސަތު ލިބުނީ މިލާނަށް ކޯޗުކޮށްދިން ކްލަރެންސް ސީޑޯފާއި ބާސެލޯނާގެ ކުރީގެ ކޯޗު ފްރޭންކް ރައިކާޑެކެވެ. މީގެ ތެރެއިން ރައިކާޑު ބޮޑެތި ކާމިޔާބީތަކެއް ހޯދި ނަމަވެސް ސީޑޯފަށް ނަތީޖާއެއް ނުނެރެވުނެވެ.