އާރުއޯއެލްގެ ހިދުމަތް ފޭސް 2 އަށް، ހިދުމަތް ގުޅައިދިނުން ހިލޭ
އާރުއޯއެލްގެ ހިދުމަތް ފޭސް 2 އަށް، ހިދުމަތް ގުޅައިދިނުން ހިލޭ

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަ އެންމެ ގިނަ ދުވަސްވީ އެއް ކުންފުނި، އާރުއޯލްގެ އިންޓަނެޓުގެ ހިދުމަތް ހުޅުމާލެ ފޭސް 2 އަށް ފަށައިފި އެވެ.

އާރުއޯއެލްއިން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ، ހެޔޮ އަގުގައި ފާސްޓް ސްޕީޑެއްގެ އިންޓަނެޓް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެޗްޑީސީން ތައާރަފު ކުރި އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެ ކުންފުނިން ފޭސް 2 އަށް ވެސް އެ ހިދުމަތް ތައާރަފު ކުރީ ކަމަށް ބުންޏެވެ.

އާރުއޯއެލްއިން ބުނީ، ފޭސް 2 އިން ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް އިންޓަނެޓް ގުޅައިދިނުމާއި، ރައުޓަރަށް ޗާޖެއް ނުނަގާނެ ކަމަށެވެ. އަދި ހިދުމަތް ހޯދުމަށް ހަމައެކަނި ދައްކަން ޖެހޭ ފީ އަކީ އެ އެދޭ ޕެކޭޖެއްގެ ޑިޕޮސިޓެއް ކަމަށް ވެސް ބުންޏެވެ.

އާރްއޯލްއިން ބުނީ، ހިޔާ ފްލެޓާއި، ސްޓެލްކޯ އަދި އެމްއޭސީއެލް ފްލެޓުގައި ދިރިއުޅޭ މީހުންނަށް މިހާރު އެ ކުންފުނީގެ ހިދުމަތަށް އެދި ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި ހިދުމަތަށް އެދި ފޯމު ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް އާރްއޯއެލްއިން ބުންޏެވެ.

އާރުއޯއެލްގެ ހިދުމަތް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ. އަދި އާރްއޯއެލްގެ ފްރަންޓް އޮފީހަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.