މައްސަލަ ބޮޑު ޗާރޫ އާއި ރާޖީވް ވަރިވަނީ
މައްސަލަ ބޮޑު ޗާރޫ އާއި ރާޖީވް ވަރިވަނީ

ޓީވީ ތަރި، ޗާރޫ އަސޯޕާ އާއި ބޮލީވުޑްގެ ބަތަލާ ސުޝްމީތާ ސެންގެ ކޮއްކޮ، ރާޖީވް ސެންގެ ކައިވެނީގައި މައްސަލަތައް ބޮޑުވެ އަނެއްކާ ވެސް ވަކިވާން އުޅޭކަމުގެ އަޑުގަދަވެއްޖެ އެވެ.

ޗާރޫ އާއި ރާޖީވް ކައިވެނިކުރީ 2019 ގަ އެވެ. އެކަމަކު ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ، ކައިވެނީގައި ގިނަ މައްސަލަތަކެއް ޖެހި އެކަން ސޯޝަލް މީޑިއަގައި ވެސް ޗާރޫ އާންމުކުރި އެވެ. އެކަމަކު ރާޖީވާ މެދު ކިތަންމެ ހިތްހަމަނުޖެހުނަސް އަލުން އަނބުރާ ފެންނަނީ އޭނާގެ ގާތަށް ޗާރޫ ދާތަނެވެ.

އެމީހުންގެ ކައިވެންޏަށް މިދިޔަ އަހަރު އަންހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ. އޭގެ ފަހުން މިއަހަރުގެ ތެރޭގައި މައްސަލަތައް ގޯސްވެ، ވަރިވާ ހިސާބަށް ވެސް ދިޔަ އެވެ. އެކަމަކު އެ ފަހަރު ވެސް އަލުން އެކުގައި އުޅެން ނިންމީ އެވެ.

ޗާރޫ މިހާރު ވަނީ އެ މީހުން އަލުން ވަކިވާން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޗާރޫ ބުނީ ރާޖީވަކީ ވަރަށް ރުޅިގަދަ މީހެއް ކަމަށާއި ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތަކާ ގުޅިގެން އޭނާއަށް ދެތިން ފަހަރަކު އަނިޔާ ވެސް ކުރި ކަމަށެވެ.

ޗާރޫ ބުނި ގޮތުގައި އޭނާގެ ޝޯ، "އަކްބަރު ކާ ބަލް ބިރްބަލް" ގެ މަސައްކަތްކުރިއިރު ރާޖީވް ވަނީ އޭނާއަށް މަކަރު ހަދައި އޮޅުވައިލުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. އޭނާގެ ކޯ ސްޓާއަށް މެސެޖްކޮށް، ޗާރޫއާ ދުރުވުމަށް އެންގި ކަމަށާއި އެކަމުގެ ސަބަބުން މަސައްކަތް ކުރަން ވެސް އުނދަގޫވެފައިވާ ކަމަށް އެ އިންޓަވިއުގައި އޭނާ ބުންޏެެވެ.

ޗާރޫ ބުނީ މަކަރު ހަދައި އޮޅުވާލަނީ އޭނާގެ ފިރިމީހާ ކަމަށާއި އެކަމަކު އެކަން ސާބިތުކުރަން ހެއްކެއް ނެތް ކަމަށެވެ.

އޭނާ ވަނީ މިފަހަރު ވަރީގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށާއި އެ ކައިވެނީގައި ކުރިއަށް ދާން ބޭނުންނުވާ ކަމަށް ވެސް ބުނެފަ އެވެ. އަދި މިހާރު ވެސް ހަޔާތުން ތިން އަހަރާއި ބައި ބޭކާރުވެފައިވާ ކަމަށް ވެސް ބުންޏެވެ.

ޗާރޫ އަކީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ "މެރެ އަންގްނޭ މެއިން" ކަހަލަ ގިނަ ޓީވީ ޑްރާމާތަކުން ފެނުނު ތަރިއެކެވެ.