ޑްރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރާ އަރުޝަދު އަނެއްކާވެސް ހައްޔަރުކޮށްފި
ޑްރަގުގެ ބޮޑެއް ކަމަށް ތުހުމަތުކުރާ އަރުޝަދު އަނެއްކާވެސް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު، ޑްރަގުގެ އެހެން މައްސަލައެއްގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައި މި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގދ. އަތޮޅުގައި އޮޕަރޭޝަނެއް ފަށައި އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ އޮޕަރޭޝަން ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް މިއަދު ވަނީ ފެންމަތިވެފަ އެވެ. މަރުވީ އަރުޝަދުގެ ރަށް ކަމަށްވާ ގދ. ހޯނޑެއްދޫ މީހެކެވެ.

އަރުޝަދު ހައްޔަރުކުރީ ފުލުހުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ކަމެއް އަދި ނޭނގެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އަރުޝަދު ހައްޔަރުކޮށްފައި ވަނީ ޑްރަގްގެ އެހެން މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން މިރޭ ބުނީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަރުޝަދު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ސްރީ ލަންކާގައި ދިރިއުޅެމުން އައި އަރުޝަދު، މީގެ ދެ ހަފުތާއެއް ކުރިން ދުބާއީއަށް ދިޔަ ތަނުން ވަނީ އެއާޕޯޓުން ހިފަހައްޓައި އަނބުރާ ލަންކާއަށް ފޮނުވާލައިފަ އެވެ. އެ ގައުމުގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އަނބުރާ ރާއްޖެއަށް އައި ތަނުން އަރުޝަދު ހައްޔަރުކުރީ އެވެ.

އެކަމަކު އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފައި ވަނިކޮށް ފުލުހުން ބަންދުން ދޫކޮށްލުމުން ހައި ކޯޓުން ވަނީ އޭނާ ބަންދުގައި ނުބަހައްޓަން ނިންމައިފަ އެވެ. އެކަމަކު ކޯޓުން އެގޮތަށް ނިންމީ އަރުޝަދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގަ އެވެ.

އޭނާ ދޫކޮށްލި މައްސަލަ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދައުލަތުން ސްޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ގދ. ހޯނޑެއްދޫ، އަރުޝަދަކީ މާލޭގެ ހަ އެޕާޓްމަންޓެއް ބަލައިފާސްކޮށް، ނުވަ ކިލޯގެ ޑްރަގް ހޯދި މައްސަލައެއްގައި ދައުވާ ސާބިތުނުވުމުގެ ސަބަބުން މިނިވަންވެފައި ހުރި މީހެކެވެ. އެކަމަކު މިދިޔަ އަހަރުގެ ޑިސެމްބަރުގައި މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި އެތެެރެކުރުމުގައި އިސް ދައުރެއް އަދާކުރި ކަމުގެ ތުހުމަތު ފުލުހުން ވަނީ އޭނާގެ މައްޗަށް ކޮށްފަ އެވެ.

އަރްޝަދު ވަނީ އެ މަސްތުވާތަކެތި އަތުލައިގަތުމުގެ ކުރިން ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އޭގެ ފަހުން އޭނާ އަނބުރާ ރާއްޖެ ނައިސް އުޅެނިކޮށް ދުބާއީ އެއާޕޯޓުން ހިފަހައްޓައި ލަންކާއަށް ފޮނުވާލި އެވެ.

ފަހުން ތުހުމަތުކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އަދިވެސް ކޯޓުން ނުނިމެ އެވެ.