މާޒިޔާގެ ސާބިއާ ފޯވާޑް ރަކިޗް ޓީމާ ގުޅިއްޖެ
މާޒިޔާގެ ސާބިއާ ފޯވާޑް ރަކިޗް ޓީމާ ގުޅިއްޖެ

މި ސީޒަނަށް މާޒިޔާ ސްޕޯޓްސް އަށް ގެނައި ސާބިއާގެ ފޯވާޑް އަލެކްސަންޑަ ރަކިޗް މިއަދު އެ ޓީމާ ގުޅިއްޖެ އެވެ.

ވާތު ފައިން ކުޅޭ ރަކިޗަކީ ކުރިން އާރްމީނިއާގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބް ކަމަށްވާ ގެންޑަޒަސާ ކަޕަން އާއި އަރާރަތު ޔެރަވެން އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އާރްމީނިއާ ޕްރިމިއާ ލީގުގައި ކުޅުނު 80 މެޗުން އޭނާ ވަނީ 26 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އޭނާ ވަނީ ކުރު މުއްދަތުގެ އެއްބަސްވުންތަކެއްގެ ދަށުން އޭޝިއާގެ ބައެއް ކްލަބްތަކަށް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި ވިއެޓްނާމާއި ބަހްރޭންގެ ކްލަބްތައް ހިމެނެ އެވެ.

އުމުރުން 29 އަަހަރުގެ ރަކިޗަކީ މި ސީޒަނަށް މާޒިޔާ އިން ގެނައި ދެ ވަނަ ބިދޭސީ ކުޅުންތެރިޔާ އެވެ. މާޒިޔާ އަށް ދެން ގެނައީ އެ ޓީމަށް 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކިރްގިސްތާންގެ އެއް ނަންބަރު ކީޕަރު ޕަވެލް މަޓިއަޝް އެވެ. އަދި އިތުރު ދެ ބިދޭސީ ކުޅުންތެރިން ގެންނާނެ ކަމަށް މާޒިޔާ އިން ބުނެ އެވެ.

މިދިޔަ ސީޒަނުގައި ވެސް މާޒިޔާ އިން ފެނުނު ގިނަ ކުޅުންތެރިންތަކެއް މި އަހަރު ވެސް އެ ޓީމުން ފެންނާނެ އެވެ. އެ ޓީމު ދޫކޮށްދިޔައީ މިހާތަނަށް ހަތަރު ކުޅުންތެރިންނެވެ. އެއީ ނިއު ރޭޑިއަންޓަށް ބަދަލުވި އިމްރާން މުހައްމަދާއި އީގަލްސް އަށް ބަދަލުވި އަހުމަދު ނާޝިދު (ނައްޓޭ)ގެ އިތުރުން ވިކްޓަރީ އަށް ސޮއިކުރާނެ ކަމަށް ބެލެވިފައިވާ އިސްމާއިލް އީސަ އަދި ގްރީން ސްޓްރީޓަށް ބަދަލުވި އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އަދި އަލީ އަޝްފާގު (ދަގަނޑޭ) ވެސް އެހެން ޓީމަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.

މާޒިޔާ އަށް މި އަހަރު ކޯޗުކޮށްދޭނީ ކުރިން ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗު ކޮށްދިން މެސެޑޯނިއާގެ ކޯޗު މަރްޔަން ސެކުލޮސްކީ އެވެ.