10 ޖެނުއަރީ 2017 - 06:29

ފުވައްމުލަކުގައި ޝޫޓްކޮށްފައިވާ ޑްރާމާ ސިލްސިލާ "ޝަކުވާއަކާ ނުލާ" ގެ ޓީޒާ ދައްކާލައިފި އެވެ.
ފަނަރަ އެޕިސޯޑްގެ މި ޑްރާމާއަކީ "ސިއްރު" ފަދަ ފިލްމްތަކަށް ވާހަކަ ލިޔެފައިވާ މަރިޔަމް މޫސާގެ އަސަރު ގަދަ ލޯބީގެ ވާހަކައަށް، އަލީ ރަޝީދު (ގޮޅާ އައްޔަ) ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.
"ޝަކުވާއަކާ ނުލާ" ބެލުންތެރިންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގުނަސް، މި އަށް އިންތިޒާރު ކުރާ މީހުންނަށް ޓީޒާއަކީ ހާއްސަ ހަދިޔާއަކަށް ވާނެ އެވެ. ޓީޒާ ހާއްސަކޮށްފައި ވަނީ ޑްރާމާގެ ބައެއް މަންޒަރުތަކާ އެކު މީގެ ތީމް ލަވައަށެވެ.
މި ލަވައަކީ ކުރީގެ މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމަށްވާ އަލީ ރަމީޒާއި ފަޒީލާ އާމިރު (ފަޒީ) ކިޔާފައިވާ ލަވައެކެވެ.
"ޝަކުވާއަކާ ނުލާ" ގެ ލީޑް ރޯލުން ފެނިގެން ދާނީ އަހުމަދު އަމަން އަލީ އާއި އޭނާގެ އަންހެނުން މަރިޔަމް ޝަހުޒާ އެވެ. ދެން ފެނިގެން ދާނީ މުޅިން ވެސް ފުވައްމުލަކުގެ ފަންނާނުންނެވެ.
އަމަން ބުނީ ފުވައްމުލަކުގައި ނަގަން ޖެހޭ ހުރިހާ މަންޒަރެއް ނަގައި ނިންމައި، މިހާރު ޑްރާމާ އެޑިޓް ކުރަމުން ކަމަށެވެ. މީގެ މަންޒަރުތަކެއް ސްރީ ލަންކާގައި ވެސް ނަގަން ވަނީ ހަމަޖައްސައިފަ އެވެ.
"އެކަމަށް އެބަ ތައްޔާރުވަން. އެކަމަކު ޝޫޓިން އަށް ލަންކާ އަށް ފުރާނެ ދުވަހެއް އަދި ނުނިންމާ. އެކަމަކު މާ ލަހެއް ނުވެ، ކްރޫ ފޫރާނެ،" އޭނާ ބުންޏެވެ.
އަމަން ބުނީ "ޝަކުވާއަކާ ނުލާ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ޑްރާމާއަކަށް ވާނެ ކަމަށެވެ.
"މީގެ މަސައްކަތް ފެށި ހިސާބުން ވެސް ބައެއް މީހުން ސުވާލު ކުރަން ފަށައިފި ކޮން އިރަކުންތޯ ފެންނާނީ. މި ދައްކާނެ ދުވަހެއް ބުނަން އަދި ދަތި،" އޭނާ ބުންޏެވެ.
"ޝަކުވާއަކާ ނުލާ" ގެ ޓީމުން ބުނެފައިވާ ގޮތުގައި މި ޑްރާމާ ދައްކާނީ، ދިވެހި ޑްރާމާ އާއި ފިލްމްތަކަށް ހާއްސަކޮށްގެން ލޯންޗް ކުރާ ޗެނަލަކުންނެވެ.
އެ ޓީމުން އަދި ބުނީ މިއީ ސީޒަންތަކަކަށް ދެމިގެން ދާނެ ޑްރާމާއެއް ކަމަށެވެ.
"މީގެ ފުރަތަމަ ސީޒަނުގެ ފަނަރަ އެޕިސޯޑް ނިންމާލުމަށް ފަހު، މީގެ ދެވަނަ ސީޒަނެއް ވެސް އަންނާނެ. އެކަހަލަ ގޮތަކަށް މީތި ރާވާފައި އިނީ،" 4426 އާއި 24 ގަޑި އިރު ގަދަ ފިލްމުތަކުން ފެނިފައިވާ ބުންޏެވެ.