24 އޮކްޓޯބަރ 2022 - 23:27

އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރު މުހައްމަދު ޝާފިއު ސަސްޕެންޑު ކުރަން އެ ކައުންސިލުން މިރޭ ފާސްކޮށްފި އެވެ.
އެމްއެމްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފާސްކުރީ، ނޫސްވެރިންނަށް ހާއްސަ ކޮށްގެން އިންޑިއާގައި މި ފަހުން ބޭއްވި ތަމްރީން ޕްރޮގްރާމްގައި ކައުންސިލުގެ ފަރާތުން ބައިވެރިވި ޝާފިއު، އެ ދަތުރުގައި އަދި އޭގެ ފަހުން ވެސް ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ ކަމަށެވެ.
އެހެންވެ، ވަގުތު ނޫހުން ހުށަހެޅި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ކައުންސިލްގެ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރި ކުރުމަށް ފާސްކުރީ އެވެ. ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ އިތުރުން އެމްއެމްސީގައި ޝާފިއު ހަރަކާތްތެރިވާ ދެ ކޮމިޓީއެއްގެ މަސްއޫލިއްޔަތުތަކުން އޭނާ ވަގުތީ ގޮތުން ދުރުކުރަން ވެސް ފާސްކުރި އެވެ. އެއީ އިނާމު ކޮމިޓީ އާއި ޝަކުވާ ބަލާ ކޮމިޓީ އެވެ.
އެނގިފައިވާ ގޮތުގައި ޝާފިއު ވަނީ އޭނާ އަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެން އެ ދެ ކޮމިޓީން މިހާރު އިސްތިއުފާ ދެއްވައިފަ އެވެ.
އަމިއްލަ މީހުންގެ ސްލޮޓުގައި ވާދަކުރައްވައި އެމްއެމްސީ އަށް އިންތިހާބުކުރި ޝާފިއުއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމީ މިރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ވޯޓު ދެއްވި ހަ މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްއެމްސީން ވަނީ އެ މައްސަލަ ބެލުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ނަގައި، މައްސަލަ ހަތް ދުވަހުގެ ތެރޭގައި ބެލުމަށް ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ވަގުތު ނޫހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ނޫސްވެރިޔާ އަށް ތަކުރާރުކޮށް މެސެޖުކޮށް، ޒާތީ ކަންކަމާ ގުޅޭގޮތުން ސުވާލުކުރަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ އަމަލާ ގުޅިގެން އޭނާ އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.
ނަމަވެސް ޝާފިއު ވަނީ އޭނާއާ ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އެފަދަ އެއްވެސް އަމަލެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވަ އެވެ.
ޝާފިއު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ބެލުމަށް ވަގުތު ނޫހުން ވަނީ ފުލުސް އޮފީހަށް ވެސް ހުށަހަޅައިފަ އެވެ.